މިސްރުގައި މިހާރު ތިބި ގިނަ ޒުވާނުންނަކީ 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި އެގައުމުގެ ކުރީގެ ރައީސް މުހައްމަދު ހުސްނީ މުބާރަކުގެ ވެރިކަމުގައި އުފަންވެފައިވާ މީހުންނެވެ.

ހުސްނީ މުބާރަކުގެ ހުދުމުޚުތާރުކަމާއި އޭނާއާ ދެކޮޅު ސިޔާސީ ފަރާތްތަކަށް ކުރާ އަނިޔާތައް ފާޅުވެ، އެކަމާ ދެކޮޅަށް މިސްރުގެ ރައްޔިތުން ތެދުވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ. އެ މުޒާހަރާތައް މަސްތަަކަށް ދެމިގެން ދިޔަ އިރު މުބާރަކުގެ އަމުރަށް މުޒާހަރާކުރި އެތައް ސަތޭކަ މީހުންނެއްގެ ގަޔަށް މިސްރު ސިފައިން ބަޑިޖަހައި މަރާލި އެވެ.

މިސްރު ސިފައިންގެ ހަރުކަށި އަމަލުތަކާ އެކުގައި ވެސް މުޒާހަރާތައް ކުރި މިސްރުގެ ރައްޔިތުން އެގޮތުގައި ދެމިތިބުމުގެ ނަތީޖާއަކަށް ވީ މިސްރުގެ ގިނަ އަދަދެއްގެ ސިފައިން ވެސް ރައްޔިތުންނާ އެއްްކޮޅަށް ދީލާލުމެވެ. އޭގެ ފަހުން ގިނަ ދުވަސްތަކެއް ނުވެ ރައީސް ކަމުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ ފިއްލަަވައިގެން ހުންނަވަ އެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވި މުބާރަކު ހައްޔަރު ކުރުމަށް ޚުދު އޭނާ އައްޔަން ކުރައްވާފައި ހުންނެވި ޕްރޮސެކިއުޓަރަކު އަމުރުކުރެއްވީ ޖެހިގެން އައި އޭޕްރިލް މަހުގެ 28 ވަނަ ދުވަހު އެވެ. ޖެހިގެން އައި މޭ މަހުގެ 24 ވަނަ ދުވަހު ފެށި މުބާރަކުގެ ޝަރީއަތް މިއަދު ނިންމާލި އިރު އޭނާގެ މައްޗަށް ހުކުމް ކޮށްފައި ވަނީ އުމުރު ދުވަހަށް ޖަލަށް ލުމަށެވެ.

މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ މުބާރަކުގެ ޝަރީއަތް މިއަދު ނިންމީ އެގައުމުގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފެށުމުގެ ކުރިން މިސްރަށް ހަމަޖެހުން ގެނައުމުގެ ބޭނުމުގަ އެވެ.

ދަނގަޑު ކޮށްޓެއްގައި މުށިކުލައިގެ ޖެކެޓެއް ތުރުކުރައްވައި، އަވި އައިނަކުން ދެލޯފުޅު ނިވާކުރައްވައިގެން އިންނެވި މުބާރަކުގެ މައްޗަށް ހުކުމް ކުރެއްވި ފަނޑިޔާރު އަހުމަދު ރިފާތު ބޭނުންކުރައްވާފައި ވަނީ ވަރަށް ހަރުކަށި އިބާރާތްތަކެކެވެ.
"ތިރީސް އަހަރުގެ އަނދިރިކަމާއި އަނދިރިވެގެންވާ ބިރުވެރި ހުވަފެން ނިމުނީ ބަދަލަކަށް ޑިމާންޑްކޮށް މިސްރުގެ ރައްޔިތުން ތެދުވުމުން" ފަނޑިޔާރު ރިފްއަތު ވިދާޅުވި އެވެ.

މުޒާހަރާކުރި މީހުން މެރުމުގައި މުބާރަކުގެ ދައުރު އޮތްކަން ސާބިތުވެ، އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމާ ގުޅިގެން އޭނާ ގާހިރާގެ ޖަލަކަށް ގެންދިއުމަށް މިސްރުގެ ޕްރޮސެކިއުޓާ ޖެނެރަލް މިހާރު ވަނީ އަމުރު ކުރައްވައިފަ އެވެ.

މުބާރަކު ގެންދިއުމަަށް ހަމަޖެހިފައި ވަނީ ދަރިދަރިކަލުންނާއި އޭނާގެ ވެރިކަމުގައި އިސް މަގާމުތައް އަދާކުރެއްވި ބޭފުޅުން ވެސް ބަންދުކޮށްފައިވާ ގާހިރާގެ ތޯރާ ޖަލަށެވެ.