02 Jun 2012, 14:25
ބީލަން އުސޫލުން ރޭޑިއޯ އާއި ޓީވީގެ ޓެރެސްޓީރިއަލް ފްރިކްއެންސީ ދޫކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ކުރަމުން އައި މަސައްކަތްތައް މެދުކަނޑާލުމަަށް ހައިކޯޓުން އަމުރު ކުރި އިރު، އެ މަސައްކަތް އޮތް ހިސާބުން ފެށިގެން އަލުން އެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ފްރީކުއެންސީ ދޫކުރުމުގައި އަމަލުކުރަމުން އައީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އަމިއްލަ ފަރާތަކުން ހައިކޯޓަށް ހުށަހެޅި މައްސަލާގައި، ހައި ކޯޓުން ހުކުމް ކުރީ އެ މަސައްކަތް ކުރިއަށް ގެންދަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށެވެ.
އެ ކޮމިޝަނުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު ނާސިހު މިއަދު ވިދާޅުވީ ޓެެރެސްޓީރިއަލް ފްރީކުއެންސީ ދޫކުރުމަށް އެ ކޮމިޝަނުން ކުރިއަށް ގެންދިޔަ މަސައްކަތްތައް ހުއްޓާލުމަށް ކޯޓުން އޭރު އަމުރު ކުރި އިރު އެ މަސައްކަތް އޮެތީ ބިޑްތައް އިވެލުއޭޓްކޮށް ނަތީޖާ ފާޅު ކުރުމާ ހިސާބުގައި ކަމަށާއި އެ މަސައްކަތް މާދަމަ އިން ފެށިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.
"އިވެލުއޭޝަންގެ މަސައްކަތް މުޅިން ނުނިމި އުޅެނިކޮށް ކޯޓު އަމުރެއް އައީ އެ މަސައްކަތްތައް ހުއްޓާލުމަށް. އެހެންވެ އެހާހިސާބުން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ކޮމިޝަނުން ވަނީ ނިންމާފައި،" ނާސިހު ވިދާޅުވި އެވެ.
ހައިކޯޓުގެ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް އެ މައްސަަލަ ހައިކޯޓަށް ވެއްދި މ. ކުޑަވެޔޮމަތީގޭ، އިބްރާހިމް ފަލާހުގެ ފަރާތުން ވަނީ ބުނެފަ އެވެ.
ނާސިހު ވިދާޅުވީ ހައި ކޯޓްގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މަރުހަލާގައި ކަންތައްތައް ކުރައްވާނެ ގޮތަކާ މެދު ގޮތެއް ނިންމާނީ ކޮމިޝަނުން ކަމަށާއި އަދި އޮތީ މަސައްކަތް ނިންމާލި ހިސާބުން ކުރިއަށް ގެންދާ ގޮޮތަށް ކަމަށެވެ.
ރޭޑިއޯ ހަތަރު ޕްރިކުއެންސީ އާއި ޓީވީ ތިން ފްރިކުއެންސީ މުޅި ރާއްޖެ އަށް ދިނުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހުޅުވާލާފައިވާ ބީލަމުގައި ނުވަ ފަރާތަކުން ބީލަން ހުށަހަޅާފައިވެ އެވެ.