02 Jun 2012, 14:08
ރާއްޖޭގައި މިހާރު ހިގަމުންދާ ހަމަނުޖެހުންތައް ހައްލުކުރަން ޕާޓީތަކުން އަމަލުކުރާނެ ހަތަރު ކަމަކަށް ބަނޑޮހުގެ މަޝްވަރާތަކުގައި ޕާޓީތަކަށް އެއްގަލަކަށް އެރިއްޖެ އެވެ.
ބުރާސްފަތިން ފެށިގެން ރިސޯޓު ރަށުގައި މިއަދާ ހަމައަށް ކުރިޔަށްދިޔަ ބައްދަލުވުންތަކުގައި މަޝްވަރާކުރީ އެޖެންޑާގެ ފުރަތަމަ ނަމްބަރުގައި އޮތް ރާއްޖޭގައި މިހާރު ހިނގާ ހަމަނުޖެހުންތައް ހައްލުކުރުމާމެދު އެވެ.
އެ މަޝްވަރާތަކުގެ ފުރަތަމަ ބައްދަލުވުން މާބޮޑު ކުރިއެރުމެއް ނުލިބި ނިންމާލަން ޖެހުނަސް ރޭގެ ބައްދަލުވުމުގައި ޕާޓީތަކުން ވަނީ ހަމަނުޖެހުންތައް ހުއްޓާލަން ކުރަންޖެހޭ ކަމަށް ފެންނަ 30 ނުގުތާއެއް ހިމެނޭ ކަރުދާހެއް އެކުލަވާލައިފަ އެވެ.
ނަމަވެސް ރޭގެ ބައްދަލުވުން ހޫނުވެ ނިންމާލަން ޖެހުނީ ކަރުދާހުގައި ހުރި އެއްވެސް ކަމަކަށް އެއްބަސް ނުވެވިގެނެވެ. މިއަދު ހެނދުނު ވެސް އެ މަޝްވަރާތައް ފެށީ ރޭގައި އެކުލަވާލި ކަރުދާހުގައި ހުރި ކަންކަމަށް މަޝްވަރާ ކުރުމަށެވެ.
މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާ އިއްތިހާދުގެ އޮފިޝަލަކު މިއަދު ވިދާޅުވީ 30 ނުކުތާ ހިމެނޭ ކަރުދާހުގެ ތެރެއިން ހަތަރު ކަމަކަށް އެއްބަސްވުމަށް އެމްޑީޕީން އެއްބަސްވެފައިވާ ކަމަށެވެ. އަދި އެކަމަށް އެމްޑީޕީން އެއްބަސްވީ މީޑިއޭޝަން އެކްސްޕާޓް ޕިއޭ އީވް މޮނޭޓް ވަކި ވަކިން އެމްޑީޕީއާއެކު މިއަދު ބޭއްވި މަޝްވަރާތަކުގައި ކަމަށެވެ. އަދި އެ ހަތަރު ނުކުތާ ސިއްރުކޮށްފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
"އެބޭފުޅާ ރައީސް ނަޝީދާއި އަދިވެސް އެމްޑީޕީގެ މަންދޫބުންނާ ވަކި ވަކިން މަޝްވަރާކުރައްވާފައި ހަތަރު ކަމަކަށް އެއްބަސްވާން އެމްޑީޕީން މި ވަނީ އެއްބަސްވެފައި،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން އެއްބަސްވާ ހަތަރު ނުކުތާގެ ތެރޭގައި ކަރުދާހުގެ ދެ ވަނަ ނުކުތާ އޮންނަން ޖެހޭނެ ކަމަށް އިއްތިހާދު ޕާޓީތަކުން ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެކަމަށް އަދި އެމްޑީޕީ އެއްބަސްވެފައިނުވާ ކަމަށްވެ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީން އެއްބަސްވި ހަތަރު ކަންތަކާ މެދު އިތުރަށް މަޝްވަރާކުރުމަށްވެސް އެއްބަސްވެފައިވާ ކަމަށެވެ.
ކަރުދާހުގެ ދެވަނަ ނަމްބަރެއްގެ ގޮތުގައި ހިމަނާފައިވަނީ ސިޔާސީ ޕާޓީތަކުން ރަށްރަށުގައި ބާއްވާ ޖަލްސާތަކަށް ހުރަސް ނޭޅުމާއި ސިޔާސީ ބޭފުޅުން ރަށްރަށް ވަޑައިގަތުމުން ހުރަސް ނޭޅުމެވެ.
އެމްޑީޕީން މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަންނަވާ މަންދޫބުންނަށް ގުޅިއިރު ފޯނަށް ޖަވާބު ނުދެއްވާތީ އެ މަންދޫބުންގެ ބަހެއް ވަނީ އަދި ލިބޭގޮތްނުވެފަ އެވެ. ޕާޓީތަކުގެ ސެކްރެޓޭރިއެޓުން ބުނީ ބައްދަލުވުމާ ބެހޭ ގޮތުން މީޑިޔާއަށް މިއަދު މައުލޫމާތު ދޭނޭ ކަމަށެވެ.
ޕާޓީތަކުގެ މަޝްވަރާތަކުގައި މަޝްވަރާކުރަން ހަމަޖެހިފައިވަނީ ހަ ނުކުތާގެ މައްޗަށެވެ. އެއީ ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ބަޖެޓްގެ ހާލަތާއި މިނިވަން މުއައްސަސާތަކުގެ މަގާމުތައް ބަދަލުކުރުމާއި އިސްލާހު ކުރަން ޖެހޭ ގާނޫނުތަކާއި ގަވާއިދުތައް އިސްލާހުކުރުމަށާއި އަލަށް އެކުލަވާލަންޖެހޭ ގާނޫނުތަކާ ގަވާއިދުތަކާ މެދު އަދި އަވަސް އިންތިހާބެއް ބާވާނޭ ތާރީހަކާއި މެދު އެވެ.