14:10


ރާއްޖޭގައި ޢަދުލު އިންޞާފު ފުރިހަމަ ގޮތުގައި ޤާއިމު ކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމަކީ އެންމެންގެ ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.  


ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އާދަވެގެން ކޮންމެ ހުކުރު ދުވަހަކު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ހިތާބުގައި މިއަދު ވާހަކަދައްކަވަމުނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރާއްޖޭގެ ޝަރީޢަތް ހިންގުމުގެ ބާރު އެކުލަވައިލުމާ ގުޅިގެން، އެކަމުގެ މައްޗަށް ބައްލަވާލެއްވި އެވެ.  އެގޮތުން ޢަދުލު އިންޞާފު އެތަނެއްގައި ނެތްކަމަށްވާ ނަމަ، ޤައުމެއް ތަރައްޤީއެއް ނުވާނެ ކަމަށާއި ޤައުމެއްގައި ހަމަޖެހުމެއް ނޯންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.   


އިންޞާފް ޤާއިމު ކުރުމަށްޓަކައި އެކުލަވައިލަންޖެހޭ ޝަރީޢަތުގެ ނިޒާމްތަކާއި، އެހެން އިދާރީ މަސައްކަތްތަކާއި، އިދާރީ އޮނިގަނޑުތައް، އޭގެ ފުރިހަމަ ގޮތުގައި އެކުލަވައިލެވެން ޖެހޭނެ ކަމަށާއި އަދި ޝަރީޢަތުގެ އެކިއެކި ހަމަތަކާއި، ޖިނާއީ އިޖްރާތުގެ އުޞޫލުތަކާއި، އިންޞާފް ޤާއިމުކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބޭނުންވާ އެނޫންވެސް ހުރިހާ ކަމެއް، އޭގެ ގޮތުގައި ހަމަޖެހިގެން ނޫނީ އަޅުގަނޑުމެން މިއެދޭ، އަޅުގަނޑުމެން މިއުންމީދުކުރާ އިންޞާފުވެރި ޝަރީޢަތް، އޭގެ ގޮތުގައި ތަންފީޒު ކުރަން ދަތިވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.  އަދި ސުޕްރީމް ކޯޓަށް އައި ބަދަލާއެކު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ވެސް ބަދަލު އަންނާނެ ކަމަށާއި، އެކޮމިޝަންގެ މަސައްކަތްތައް ވެސް ކުރިއަށްވުރެ ކިތަންމެ ތަނެއް ހަރުދަނާވެ، އެ ކޮމިޝަނުން ބަލަހައްޓަން ޖެހޭ ކަންކަން، އެކޮމިޝަނުން ބަލަހައްޓައި، ރާއްޖޭގެ ޝަރުޢީ ކަންކަން ރަނގަޅުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.  


ސުޕްރީމް ކޯޓު އެކުލަވައިލުމުގައި މި ނަތީޖާ ނެރެވުނު އެންމެ ބޮޑު އެއްސަބަބަކީ، ވާދަވެރި ޑީ.އާރު.ޕީ، ސަރުކާރާ އެކީގައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް، ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ކުރުމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ފާހަގަކުރައްވައި، ޑީއާރުޕީގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީއަށާއި އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުންނަށާއި އެ ޕާޓީގެ ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވި އެވެ. ހަމަ އެޔާއެކު، ޑީއާރުޕީއާ އެކު ވަރަށް ބޮޑު ތަނުން ދޫދެއްވައިގެން، ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވި އެމްޑީޕީގެ ޕާލަމެންޓްރީ ލީޑަރު މޫސާ މަނިކަށާއި ޕާލަމެންޓްރީ ގްރޫޕްގެ އެންމެހާ ބޭފުޅުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.  


ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި ޕާކިސްތާނުގައި ފެންބޮޑުވެ، ވަރަށް ގިނަ ޢަދަދެއްގެ ރައްޔިތުން ހާލުގައި ޖެހިފައިވުމާ އެކު، އެ ހާދިސާ މައްޗަށް ވެސް ބައްލަވައިލެއްވި އެވެ.  އަދި އަވަށްޓެރިންނަށް އަޅުގަނޑުމެންނަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދިނުމަކީ، އަދި ޙާލުގައި ޖެހިފައި ތިބި ބަޔަކަށް ދެވެން އޮތް އެއްޗެއް ދިނުމަކީ، ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.