02 Jun 2012, 13:50
ހއ. ދިއްދުއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކުރެއްވި ދަތުރުފުޅަށް ހުރަސްއަޅަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި އެ ރަށު ކައުންސިލަރަކާ އިތުރު ހަ މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ ރަށުން ހަތް މީހަކު ހައްޔަރު ކުރީ ރައީސް އެ ރަށަށް ވަޑައިގަންނަވާ ކަން އެނގިގެން ހަމަނުޖެހުން އުފައްދައި ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަދި އާންމު އިޖްތިމާއީ މިންގަނޑުތަކާ ޚިލާފަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.
ނަަމަވެސް ދިއްދޫ ކައުންސިލްގެ ރައީސް މުހައްމަދު ނައީމް މިއަދު ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭ އެ ރަށުގެ ހަތަރު ކައުންސިލަރަކު ހިމެނޭ ކަމަށެވެ. ނައީމް ވިދާޅުވީ ކައުންސިލަރުން ހައްޔަރުކުރި ކަމަށް ބެލެވެނީ "ބާޣީންގެ" ތާއީދު އެ ރަށުގައި ނެތުމުން ކަމަށާއި އަބަދުވެސް މަސައްކަތް ކުރަނީ ކައުންސިލަރުން ހައްޔަރުކޮށް ނުވަތަ ކައުންސިލް އުވާލުމަށް ކަމަށެވެ.
ނަޢީމް ވިދާޅުވީ ދިއްދޫގައި ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި ފުލުހުން އެ ރަށަށް އަރައި ހަމަނުޖެހުން ހިންގި ކަމަށެވެ.
ދިއްދޫން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނު ރައީސް ވަހީދު އެ ރަށަށް ވަޑައިގަންނަވަން ހަމަޖެހިފައި އޮތުމުން ރޭ ބަނދަރުގައި ގައުމީ ދިދަ ޖަހާފައިވަނިކޮށް ބަޔަކު ދިދަތައް ވެސް އުފުރާލާފައިވާ ކަމަށެވެ. އަދި ގައުމީ ދިދަ ޖެހީ އެހެން ރަށަކުން ގެންގޮސް ކަމަށް ވެސް އޭނާ ބުންޏެވެ.
ރައީސް ވަހީދު ދިއްދޫން ފުރާވަޑައިގަތީ މިއަދު މެންދުރު އެވެ.