02 Jun 2012, 13:18
ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ގާނޫނާއި ގަވާއިދާ ހިލާފަށް ހިންގާފައިވާ ތަރައްގީގެ ބައެއް ޕްރޮޖެކްޓްތަކާ މެދު ދެ ވަނަ ވިސްނުމަކަށް ދާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހއ. ދިއްދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ކުރީގެ ސަރުކާރުން ހިންގި ބައެއް މަޝްރޫތަކާ މެދު ދެވަނަ ވިސްނުމަކަށްދާން ޖެހެނީ ގާނޫނާއި ގަވާއިދާ ހިލާފަށް ބައެއް ކަންތައްތައް ކޮށްފައިވާތީ ކަމަށެވެ. އަދި އެފަދަ ޕްރޮޖެކްޓްތައް ފިޔަވައި ދެން ހުރި ހުރިހާ ޕްރޮޖެކްޓަކެއް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހުއްޓާލަން ޖެހޭ ޕްރޮޖެކްތައް އަލުން ބެލުމަށްފަހުގައި ކުރިއަށްގެންދާނެ ކަމަށެވެ.
"އަޅުގަނޑު ކޮންމެހެން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާލުމަކީ އަޅުގަނޑު ބޭނުންވާ ކަމެއް ނޫން. ބައެއް ކަހަލަ މަޝްރޫތަކެއް އެބަހުރި އެއާ ދޭތެރޭގައި ދެވަނަ ވިސްނުމަކަށް ދާންޖެހޭ. އެއީ ގާނޫނާއި ގަވާއިދާ ހިލާފަށް ބައެއް ކަންތައްތައްކޮށްފައިވާ ކަމަށް ވިސްނިގެން،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް އެހެން ވިދާޅުވި އިރު، ކުރީގެ ސަރުކާރުގައި ފަށާފައިވާ ތަރައްގީގެ ބައެއް ޕްރޮޖެކްޓުތަކަކީ ދައުލަތުގެ ބަޖެޓްގައި އެކަމެއް ކުރުމަށް ފައިސާ ކަނޑައަޅާފައި ނުވަނީސް ފަށާފައިވާ ޕްރޮޖެކްޓުތަކެއް ކަމަށް މާލިއްޔަތު ކޮމެޓިން ވަނީ އާންމުކޮށްފަ އެވެ. އަދި އެފަދަ ޕްރޮޖެކްޓްތައް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ބައެއް ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް މިނިވަން މުއައްސަސާތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
ރައީސް ވަހީދު ވިދާޅުވީ އިގްތިސާދީ ގޮތުން ރާއްޖެ އަށް ކިތަންމެ ދަތިވިޔަސް ރައްޔިތުންނަށް ސަރުކާރުން ދެމުންގެން އަންނަ އިނާޔަތްތައް ހުއްޓާނުލައްވާނެ ކަމަށެވެ. އެގޮތުން 65 އަހަރުވީ މީހުންނަށް ދެމުން ގެންދާ 2300ރ. އާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދެމުންދާ ފައިސާ އާއި އެކަނިވެރި މައިންނަށް ދެމުން ައަންނަ ފައިސާ ވެސް "ބަރާބަރަށް" ރައްޔިތުންނަށް ފޯރުކޮށްދެއްވާނެ ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ. އަދި ވިދާޅުވީ ގައުމީ ސިއްހީ އިންޝުއަރެންސްގެ ހިދުމަށް ވެސް މެދުނުކެނޑި ކުރިއަށްދާނެ ކަމަށެވެ.
"މިހާރު އެންމެ ބޮޑަށް ދެކެވެނީ އާސަންދައިގެ ވާހަކަ. އާސަންދަ ވެސް ކުރިއަށްދާނެ. އަޅުގަނޑުމެން މިހާރު އެބަޖެހޭ އާސަންދަ އަށް ބައެއް ކުދިކުދި އިސްލާހުތަކެއް ގެންނަން. ސަބަބަކީ މިހާރު އޮތް ގޮތުން އާސަންދައަކީ އެއްވެސް ކޮންޓްރޯލެއް ނެތި ވަރަށް ހުޅުވާލެވިގެން ހިނގާ ކަމެއް. އެކަމަކީ ދިވެހި ދައުލަތަށް ފޯރާވަރުގައި ރޭވިފައި އޮތް ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
އާސަންދައިގެ ހިދުމަތް މެދުނުކެނޑި ކުރިއަށް ގެންދަވާނެ ކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެއްވެސް އަގަކާ ނުލައި ސަރުކާރުގެ ހުރިހާ ހޮސްޕިޓަލްތަކުން އާސަންދައިގެ ހިދުމަތް ދެމުން ގެންދާނެ ކަމަށެވެ. އަދި އާސަންދަ ޕްރޮގްރާމް ހުރިހާ އަމިއްލައްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތަކަށް ހުޅުވާލާފައިވާ ކަމަށާއި އެތަންތަން އާސަންދަ ޕްރޮގްރާމްގައި ރަޖިސްޓްރީ ކުރެވޭނީ ސަރުކާރުން އެއްބަސްވާ ގަވާއިދުތަކާއި އުސޫލުތަކުގެ މަތިން ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އަމިއްލަ ހޮސްޕިޓަލްތަކަށާއި ކްލިނިކްތަކަށް ދެވޭނީ ސަރުކާރުން ކަނޑައަޅާ ރޭޓްތަކުގައި ހިދުމަތް ދިނުމަށް އެއްބަސް ވެގެން ކަމަށް ރައީސް ވިދާޅުވި އެވެ.