24 Feb 2024, 14:57
މާލޭ މަގުމަތީގައި، ޕިކަޕެއްގެ ތެރޭގައި އިޖުތިމާއީ މިންގަނޑުތަކާ ޚިލާފުވެ ވައްތަރު ޖެއްސި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
މާލޭގައި، ޕިކަޕެއްގެ ތެރޭގައި އިޖުތިމާއީ މިންގަނޑުތަކާ ޚިލާފުވި މީހަކު ހޯދަން މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ. އެއަށްފަހު ހަމަ އެ ދުވަހު ވަނީ ތުހުމަތު ކުރެވޭ 28 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރު ކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފައިވާ ކަމަށެވެ.
މީސްމީޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަނީ ދުވާލުގެ ވަގުތު، މީހަކު ޕިކަޕެއްގައި ހުރެ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ވައްތަރުތަކެއް ޖައްސާ މަންޒަރެވެ. ޕިކަޕުގައި އޭނާގެ އިތުރުން ވެސް މީހަކު ހުއްޓެވެ. އަދި، ދައުރުވަމުން އަންނަ ވީޑިއޯގައި އެ ޕިކަޕުގެ ރަޖިސްޓްރީ ނަންބަރު ވެސް ފެނެއެވެ.