24 Feb 2024, 13:23
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ގާތުން ރައްޔިތުން އެދޭ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވެއެވެ. އެ ގޮތުން ރަށްތަކުގެ ކައުންސިލްތަކުން އެ މަނިކުފާނާ ބައްދަލު ކުރެއްވުމަށް އައުމުގެ ބަދަލުގައި، ރަށްތަކަށް ވަޑައިގެން ކައުންސިލްތަކާ ރައީސް ގެންދަވަނީ ބައްދަލު ކުރައްވަމުންނެވެ.
އެ ގޮތުން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ފުރަތަމަ ފެށްޓެވި ދަތުރުފުޅުގެ ތެރޭގައި އެ މަނިކުފާނު ވަނީ ރޯދައިގެ ކުރިޔަށް އޮތް މަދު ދުވަސްކޮޅު ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކަކާ ބައްދަލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެ ގޮތުން އެ މަނިކުފާނު ވަނީ އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ތ. އަތޮޅު އަދި ގދ އަތޮޅުގެ ހުރިހާ ކައުންސިލަތަކާ ބައްދަލު ކުރައްވާފައެވެ. އަދި ދެ ކައުންސިލެއް ފިޔަވާ ގއ. ގެ ހުރިހާ ކައުންސިލަކާ ވެސް ބައްދަލު ކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގަންނަވައެވެ.