02 Jun 2012, 13:07
ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފި އެވެ.
އެ ކުންފުނިން މިއަދު ވަނީ ޑީސަލް ލީޓަރަކުން 52ލ. އަދި ޕެޓްރޯލް ލީޓަރަކުން 31ލ. އަގު ހެޔޮ ކޮށްފަ އެވެ.
އެގޮތުން ކުރިން 16.50ރ. ވިއްކަމުން އައި ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 15.96ރ. އަށެވެ. އަދި 16.52ރ. ވިއްކި ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 16.21ރ. އަށެވެ.
އެ ކުންފުނިން ބުނީ ޕެޓްރޯލާއި ޑީސަލްގެ އަގަށް ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހެޔޮވެ އެސްޓޯ އިން އެންމެ ފަހުން އެތެރެ ކުރި ޝިޕްމަންޓް ވެސް އަގުހެޔޮ ވެފައިވާތީ ކަމަށެވެ. މިދިޔަ ޖެނުއަރީން ފެށިގެން ތެލުގެ ބާވަތްތަކުން ޑިއުޓީއެއް ނުނަގަ އެވެ. އެއާއެކު ޖެނުއަރީ މަހުގެ ތެރޭގައި އެސްޓީއޯ އިން ތެލުގެ އަގު ހެޔޮކުރި އެވެ.
ނަމަވެސް އޭގެ މަހެއްހާ ދުވަސް ފަހުން އެސްޓީއޯއިން ތެލުގެ އަގު ދެ ފަހަރުމަތިން ބޮޑުކޮށް ޑިއުޓީ ކެނޑުމުގެ ކުރިން ހުރިވަރަށް ތެލުގެ އަގު ބޮޑުކުރި އެވެ. މިއީ މިއަހަރުތެރޭ އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރި ދެވަނަ ފަހަރެވެ.