24 Feb 2024, 10:09
އިންޑިއާގެ ބައެއް ފިލްމީ ތަރިންނަށް އަމާޒުކޮށްގެން އެ ޤައުމުގެ ދަރިވަރުން ތަކެއް މުޅީން އާ ޓްރެންޑެއް ފަށައިފިއެވެ.
އިންޑިއާގެ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ ދަރިވަރުންގެ ތެރެއިން ފައިނަލް ޓާމް އިމްތިހާނަށް ތައްޔާރުވާ ދަރިވަރުން އަންނަނީ އެންމެ ކަމުދާ ފިލްމީ ތަރިން ޓެގްކޮށް މީމްސް، ރީލްސް އަދި ފޮޓޯ ތަކުގައި ޓެގް ކުރަމުންނެވެ.
މި ދަރިވަރުން ވައިރަލް ކޮށްފައިވާ މީމްސް އަދި ރީލްސް ތަކުގައި ބުނެފައި ވަނީ އެ ރީލް ތަކަށާއި މީމްސްތަކަށް ފިލްމީ ތަރިން ޖަވާބުދީފިނަމަ ކިޔެވުމަށް އިތުރަށް ހިތްވަރު ލިބި އިމްތިހާނަށް ކުރިޔަށް ވުރެ ބޮޑަށް ތައްޔާރުވާނެ ކަމަށެވެ.
ބައެއް ދަރިވަރުން ވަނީ ބަތަލާ އާލިއާ ބަޓް، ކިއާރާ އަދްވާނީ، ސައުތު އެކްޓަރު ވިޖޭ ދެވެރަކޮންދާ އަދި ކްރިކެޓް ކުޅުންތެރިޔާ ޝުބްމަން ގިލް ފަދަ މީހުންނަށް އަމާޒުކޮށް ރީލްސްތައް ތައްޔާރުކޮށްފައެވެ. ކްރިކެޓް ކުޅުންތެރިޔާ ޝުބްމަން ގިލް ޓެގްކުރި ރީލްއަށް ކޮމެންޓު ކުރަމުން ކުޅުންތެރިޔާ ބުނެފައި ވަނީ ކިޔެވުން އަވަހަށް ފަށަން ނަސޭޙަތްތެރިވެފައެވެ.
ވައިރަލް ވަމުން އަންނަ މި ޓްރެންޑްގެ ރީލްއަކަށް ކޮމެންޓު ކުރަމުން ވިޖޭ ދެވަރަކޮންދާ ބުނެފައި ވަނީ އިމްތިހާނުން 90 އިންސައްތަ ހޯދައިފިނަމަ ޓެގްކުރި ދަރިވަރުންނާ ބައްދަލު ކުރާނެ ކަމަށެވެ. ވިޖޭގެ މި ކޮމެންޓަށް މިހާތަނަށް އަށް ލައްކައެއްހާ ލައިކްސް ލިބިފައިވާއިރު ބަތަލާ ކިއާރާ ޓެގްކުރި ދަރިވަރަށް ރައްދު ދެމުން ބަތަލާ ބުނީ އިމްތިހާނުގައި ރަނގަޅު ނަތީޖާ ހޯދުމަށް މަސައްކަތް ކުރުމަށެވެ.

ސައުތު ސިނަމާގެ މަގުބޫލު ފިލްމީ ތަރި ވިޖޭ ދެވަރަކޮންދާ-- ފޮޓޯ/ ފޭސްބުކް
އިންޑިއާގެ ބައެއް ފިލްމީ ތަރިންނަކީ ސަޕޯޓަރުންނާ އެކު ވަރަށް ގާތް ގުޅުމެއް ބާއްވާ ތަރިންނެވެ. އޭގެތެރޭގައި ޝާހްރުކް ޚާން، އާލިއާ ބަޓް، ދީޕިކާ ޕަދުކޯން ފަދަ ފިލްމީ ތަރިން ހިމެނެއެވެ.
ސަޕޯޓަރުންގެ ފަރާތުން ފިލްމީ ތަރިން ހިމަނައިގެން އިންޓަނެޓުގައި ކުރިޔަށް ގެންދާ މިފަދަ ހަރަކާތްތަކަށް އާއްމުގޮތެއްގައި ފިލްމީ ތަރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާލުމެއް ދޭކަންވެސް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.