ފިލްމު "ލަވްޔާތުރީ"އިން 2018ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފްވި ޒުވާން އެކްޓަރު އާޔޫޝްގެ ފިލްމު "ރުސްލާން"ގެ ޓީޒާ އާއްމުކޮށްފިއެވެ.

މި ފިލްމަކީ، އިއުލާނުކުރުމަށް ފަހު މަސައްކަތް ފެށުން ވަރަށް ބޮޑަށް ލަސްވެ ފިލްމު ރިލީޒުކުރަން ނިންމި ތާރީޚު ވެސް ވަރަށް ގިނަ ފަހަރަށް ބަދަލުވި ފިލްމެކެވެ.

އާޔޫޝް ފިލްމީ ދާއިރާއަށް ތަޢާރަފް ވުމަށްފަހު ސިނަމާއިން ފެންނާނެ ތިން ވަނަ ފިލްމު "ރުސްލާން" އަކީ ވަރަށް ވަރުގަދަ ލޯބީގެ އެކްޝަން ޑްރާމާއެކެވެ. ފިލްމުގައި އާޔޫޝް ކުޅޭ ރޯލަށް އޭނާ ވަނީ ހަށިގަނޑު ވަރަށް ބޮޑަށް ތައްޔާރުކޮށްފައެވެ.

މި ފިލްމު ބިނާކޮށްފައި ވަނީ ވަރަށް ތަފާތު ލޯބީގެ ވާހަކައެއްގެ މައްޗަށް ކަމަށާއި އެކްޝަން ސީންތައް ބެލުންތެރިންގެ ހަނދާނުން ފޮހެލަން ދަތި ވާނެކަމަށް އާޔުޝް ވަނީ ބުނެފައެވެ. މި އަހަރުގެ އޭޕްރިލް މަހުގެ 26 ވަނަ ދުވަހު ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައި ވާއިރު ފިލްމުގެ ޕްރޮމޯޝަން ހަރަކާތްތައް ވަރަށް އަވަހަށް ފަށަން ނިންމާފައިވާ ކަމަށް ޑައިރެކްޓަރު ކަރަން ބުޓާނީ ވަނީ ބުނެފައެވެ.

ފިލްމީ ތަރި އާޔުޝް ޝަރުމާގެ ފުރަތަމަ ފިލްމު "ލަވްޔާތުރީ"ގެ ޕްރޮމޯޝަން ހަރަކާތެއްގައި-- ފޮޓޯ/ ބޮލީވުޑްހަންގާމާ
ބޮލީވުޑްގެ ތަރި ސަލްމާން ޚާންގެ ޅިޔަނު އާޔުޝްގެ މި ފިލްމުގެ ޕްރޮމޯޝަން ހަރަކާތްތަކާ ދިމާކޮށް އެކްޓަރުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަކޮށް ދިނުމަށްވެސް ސަލްމާންގެ އާއިލާގެ ފަރާތުން މުމްބާއީ ފުލުހުންގެ ފަރާތުން ވަނީ އެދިފައެވެ.

ފިލްމު "ރުސްލާން"އަށް ފަހު އާޔުޝް ދެން އެންމެ އަވަހަށް ސިނަމާއިން ފެންނާނީ ފިލްމު "ކްވާތާ"އިންނެވެ. ބަތަލާ ކެޓްރީނާ ކައިފްގެ ކޮއްކޮ އިޒަބެއްލާ މުހިއްމު ރޯލްއިން ފެންނާނެ ފިލްމު "ކްވާތާ"ގެ މަސައްކަތް ފަށާނެ ތާރީޚު ވަރަށް އަވަހަށް އިއުލާނުކުރާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.