02 Jun 2012, 12:27
އަންނަ ހުކުރު ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރަސިޔާއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރި ކަމުގެ މެޗުން އިޓިލީ ބަލިވެއްޖެ އެވެ. މެޗުން އިޓަލީ ބަލިވީ 3-0 ލަނޑުން ނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެން ނިމުނު އިރު، ދެ ވަނަ ހާފުގައި އިޓަލީގެ މައްޗަށް، ރަޝިޔާ އިން ލީޑް ނެގި ލަނޑު މެޗުގެ 60 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފޯވާޑް އެލެކްސެންޑާ އެވެ. އަދި އިޓަލީ ކޮޅަށް ރަޝިޔާ އިން ޖެހި ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ރޯމަން ސިރޮކޯވް އެވެ.
މިފަހަރުގެ ޔޫރޯ މުބާރާތުގައި އިޓަލީ ވާދަކުރަނީ ގްރޫޕް ސީ ފަޅިންނެވެ. އެގޮތުން އިޓަލީއާ އެކު މިގްރޫޕްގައި ދެން ހިމެނޭ އަނެއް ތިން ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަން ސްޕޭންއާއި ރިޕަބްލިކް އޮފް އަޔަލޭންޑް އަދި ކްރޮއޭޝިއާ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި މިމަހުގެ 10 ވަނަ ދުވަހު އިޓަލީ ނުކުންނާނީ ސްޕެއިންނާ ދެކޮޅަށެވެ. މިމެޗަށް މި ދެޓީމް ނުކުންނަ އިރު 2008 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި މި ދެ ޓީމް ވަނީ ބައްދަލުކޮށްފަ އެވެ. އެހެން ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނު އިރު ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އަދި މީގެ އިތުރުން 1988 ވަނަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މި ދެ ޓީމް ކުޅުނު މެޗް 1-0 ލަނޑުން ކާމިޔާބު ކުރީ އިޓަލީ އެވެ.
މިފަހަރުގެ ޔޫރޯ މުބާރާތައް އިޓަލީއިން ކުރިމަތިލާ އިރު އެ ގައުމުން ވަނީ 1968 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބުކޮށްފަ އެވެ. އަމިއްލަ ގައުމުގައި ބޭއްވި ފަހަރު އިޓަލީން މުބާރާތް ކާމިޔާބު ކުރީ ޔޫގޯސްސާވިޔާއާ ބައްދަލުކޮށް 2-0 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.