23 Feb 2024, 11:28
ގައުމު މިހާރު ވެއްޓިފައި އޮތް ހާލަތުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫން ކަމަށާއި ހުރިހާ ޒިންމާއެއް ވެސް ނަގަން ޖެހޭނީ އިދިކޮޅު އެމްޑީޕީން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް އެ މަނިކުފާނުގެ ތާއީދާ އެކު ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކެމްޕޭން ކުރަން ބާއްވާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ޖަލްސާއެއްގައި ރޭ ވެސް ޔާމީން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ރޭގެ ޖަލްސާގައި ވެސް ޔާމީން ވަނީ ކެންޑިޑޭޓުންނާ ސުވާލު އަމާޒުކުރައްވައިފައެވެ.
މަޖިލީހަށް ހޮވަންޖެހޭނީ ސަރުކާރާ ދެކޮޅުވެރިވެގެން ރައްޔިތުންގެ ކަންކަމަށް ހުރަސްނާޅައި، ސަރުކާރު ޖަވާބުދާރީ ވެސް ކުރެވޭނެ މެންބަރުންކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، މިއަދު ގައުމު ވެއްޓިފައި މި އޮތް ހާލަތުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީން ކަމަށެވެ. މިއީ، އެމްޑީޕީގެ ވެރިކަމުގައި ކޮށްފައި ހުރި ކަންކަމުގެ ސަބަބުން ވެއްޓިފައި އޮތް ހާލަތެއް ކަމަށް ޔާމީން ސިފަކުރެއްވިއެވެ.
"ރާއްޖެ މިއަދު މިއޮތް ހާލަތުގައި މި އޮތީކީއެއް ކޮންމެހެން (ރައީސް) ޑރ. މުއިއްޒު މި ހާލަތަށް ރާއްޖެ ވައްޓާލައިގެންނެއް ނޫން،" އެ މަނިކުފާނު ވިދާޅުވިއެވެ.
"ފަސް އަހަރެއްގެ ވެރިކަން ދިޔައިރު ރާއްޖެ މި ހާލަތަށް ގެނެސްފައި މިއޮތީ އެމްޑީޕީ ވެރިކަމެއްގައި،"
ޕީއެންއެފްގެ ޖަލްސާއެއްގައި ޔާމީން: އެ މަނިކުފާނު ވަނީ އެމްޑީޕީއަށް ފާޑު ވިދާޅުވެފައި -- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް
ޔާމީން ވިދާޅުވީ، މިއަދު އެމްޑީޕީގެ ބޭބޭފުޅުން މި ސަރުކާރަށް ދައުލަތް ހިންގަން ނޭނގޭ، ފައިސާ މެނޭޖްކުރާކަށް ނޭނގޭ އަދި ދަރަނި މެނޭޖްކުރަން ނޭނގޭ ކަމަށް ވިދާޅުވާއިރު މި ހާލަތަށް ވެއްޓޭ ވަރަށް ދަރަނި އުފެއްދީ ކޮން ބައެއްކަން ގަބޫލުފުޅުކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީން މިއަދު ގައުމު ވެއްޓިފައި އޮތް ހާލަތޭ ވިދާޅުވާ ހާލަތަށް ގައުމު ވައްޓައިލީ ވެސް ހަމަ އެ ބޭފުޅުން ކަމަށެވެ.
"ދައުލަތުގެ މުއައްސަސާތައް މިނިވަން ނޫން ކަމަށް އެބަ ވިދާޅުވޭ. އެކަމަކު، ދައުލަތް މިނިވަންނުކޮށް އަތް މުށުތެރޭގައި ގެންގުޅުނީ ކޮން ބައެއްކަން ވެސް އެބަ އެނގޭ،" ޔާމީން ވިދާޅުވިއެވެ.
"އެ ކަންކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމްޑީޕީ މީހުން،"
އެހެންވެ، ޔާމީން ވިދާޅުވީ ސަރުކާރެއް ޖަވާބުދާރީ ކުރުވަންޖެހޭ މަޖިލީހަކަށް އެފަދަ ހުތުރު ނަމޫނާތައް ދައްކަވާފައި ތިބި މެންބަރުން ހޮވަންނުޖެހޭ ކަމަށެވެ. އެ މަނިކުފާނު ވަނީ ސަރުކާރަށް ވެސް އަދި އެމްޑީޕީއަށް ވެސް މެޖޯރިޓީ ދޭންނުވާނެހެން ދޭހަވާފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވައިފައެވެ.
"މުޅި ރާއްޖެ ހަލާކުވެގެން، މުޅި ރާއްޖޭގެ ހައިބަތު ގެއްލިގެންދިޔަ ކަންތައްތައްކޮށްފައި ތިބިއިރު އެމްޑީޕީގެ އެއްވެސް މެންބަރަކަށް ރައްޔިތުންގެ މަޖިލީހުން ޖާގަ ދޭން ޖެހޭތޯ؟" އެ މަނިކުފާނު އެއްސެވިއެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައި، އަމިއްލަފުޅު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވައިފައެވެ. މި ވަގުތު ވެސް ގޭބަންދުގައި ހުންނެވި ނަމަވެސް އެ މަނިކުފާނު ގެންދަވަނީ އެ ޕާޓީގެ ސިޔާސީ ކަންކަމުގައި އުޅުއްވަމުންނެވެ.
ޔާމީންގެ މައްޗަށް މިދިޔަ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ގައި އިއްވި 11 އަހަރުގެ ޖަލު ހުކުމުން އަދިވެސް މިންޖެއް ނުވެއެވެ. އެ ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ހުކުމާ ހަމައަށް ވާސިލުވެފައި ހުކުމް ނުކުރެވި ދިގުލައިގެން ގޮސްފައި އޮންނަތާ ވެސް ދެ މަހަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.