02 Jun 2012, 10:33
ޤައުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ވެސް ޞުލްޙަވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަހީދު ގޮވާލައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޯރަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި އިއްޔެ ވިދާޅުވީ ކޮންމެ ޕާޓީއެއްގައި، ކޮންމެ ކުލައެއްގައި، ކޮންމެ ރަށެއްގައި ތިބި ނަމަވެސް، އަޅުގަނޑުމެން އެންމެންނަކީ ވެސް ދިވެހި ރައްޔިތުން ކަމަށާއި އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން އޮތުމަކީ ޤައުމުގެ ތަރައްޤީއަށް ޓަކައި ކުރަން ޖެހޭނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގެ ޙައިޘިއްޔަތުން ރައީސް އަދާކުރައްވަން ޖެހޭ އެންމެ މުހިންމު ވާޖިބަކީ ރާއްޖެ އަށް ޞުލްޙަވެރިކަމާއި އެއްބައިވަންތަކަމާއި ފާގަތިކަމާއި އުފާވެރިކަން ހޯދުމަށްޓަކައި ކުރައްވަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހި ރާއްޖޭގެ ޤާނޫނުތަކަށް ގެންނަން ޖެހޭ އިޞްލާހުތައް އެބަހުރި ކަމަށާއި އެ އިޞްލާޙުތައް ގެނައުމަކީ ޤައުމު ހަމައަކަށް އެޅުވުމުގައި ކުރަން ޖެހިފައިވާ ދެ ވަނަ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. އަދި ރައްޔިތުންގެ މަޖިލިސް އަލުން ފެށުމަކުން ފަށްޓަވައި ޤާނޫނުތަކަށް ގެންނަވަން ޖެހޭ އިޞްލާޙުތައް ގެންނެވުމުގައި ސިޔާސީ ޕާޓީތަކުން އެއްބަސްވެވަޑައިގަންނަވާ އިސްކަންދޭ ތަރުތީބަކުން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފެބްރުއަރީ 8 ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި ގެއްލުން ބޮޑު އަމަލުތަކަކީ އަނިޔާވެރި އަދި ޓެރަރިސްޓް ޢަމަލުތަކެއް ކަމުގައި ސިފަކުރެއްވި އެވެ. އަދި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ކޯޓަށް ހުށަހެޅުއްވުން ލަސްނުކުރައްވައި އަވަސްކޮށްދެއްވުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އަރިހުން އެދިވަޑައިގަތެވެ.