ކެރަމް އެސޯސިއޭޝަނުން ކުރިއަށް ގެންދިޔަ "ރައިޒިންގް ސްޓާ އޮފް ދަ މަންތް" މެެއި 2012ގެ ފިރިހެން ޗެމްޕިއަންކަން ވިދިވިދިގެން ދެ ވަނަ ފަހަރަށް ހުސެއިން ފާރިހް ހޯދައިފި އެވެ. އަދި މިމުބާރާތުގެ އަންހެން ޗެމްޕިއަންކަން ހޯދީ ފާތިމަތް ރަޔާން އެވެ.

ގަލޮޅު ދަނޑުގައި ހުންނަ ކެރަމް ހޯޅުގައި ހުސްވި މޭމަހުގެ 28 އިން 31ގެ ނިޔަލަށް ކުރިއަށް ދިޔަ މުބާރާތުގައި ފިރިހެން ކުޅުންތެރިންގެ ގަދަ ސޯޅަ ކުޅުންތެރިން ހޮވި އިރު، އަންހެން ކުޅުންތެރިންގެ ގަދަ އަށް ކުޅުންތެރިން ވަނީ ހޮވައިފަ އެވެ.

އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން މިއަހަރުގެ މާޗް އިން އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ކޮންމެ މަހަކު ބޭއްވުމަށް ކަނޑައަޅާފައިވާ، މި މުބާރާތުގައި މި ދިޔަ މަހު ބައިވެރިވެފައި ވަނީ ފިރިހެން 41 ކުޅުންތެރިއަކާއި އަންހެން 15 ކުޅުންތެރިއެކެވެ.


މުބާރާތުގެ ފިރިހެން ރަނަރަޕް ކަން ހޯދީ ސަދޫހު ސާމިއު އެވެ. އަދި އަންހެން ރަނަރަޕް ކަން ހޯދީ ފާތިމަތް ރައުފާއެވެެ.