މިއަހަރުގެ ވޮލީ ސީޒަންގައި ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވާދަކުރުމަށް ނިންމައި އެ ކުންފުނީގެ ވޮލީޓީމުގައި ހިމެނޭ ކުޅުންތެރިން ރަސްމީކޮށް ތައާރަފްކޮށްފި އެވެ.

އެސްޓިއޯ ޓީމުގެ ކުޅުންތެރިން ތައާރަފް ކުރުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެސްޓީއޯ ނިޕޯން ޕެއިންޓް ޝޯރޫމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓީމާ އަލަށް ގުޅުނު ބައެއް ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. އެގޮތުން އެސްޓިއޯ ޓީމާ އަލަށް ގުޅުނު ގައުމީ ޓީމުގެ ވޮލީ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އަހުމަދު އިޝާން (ބަޓިސް) އާއި އަޝްފާގް އާދަމް (އައްކަޅޭ) އާއި އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ) އަދި އަލީ އާމިރެވެ.

އެސްޓިއޯ ޓީމާ އަލަށް ގުޅުނު ކުޅުންތެރިން ދައްކާލުމުގެ އިތުރުން މިފަހަރުގެ ވޮލީ ސީޒަންގައި އެސްޓިއޯ އިން ބޭނުން ކުރާނެ ޖޯޒީ ވެސް އެ ރަސްމިއްޔާތުގައި ވަނީ ދައްކާލައިފަ އެވެ.

އެސްޓީއޯ ރެކުރިއޭޝަން ކްލަބުން ބުނީ މިފަހަރުގެ ވޮލީ ސީޒަންގައި އެސްޓީއޯގެ ފިރިހެން ޓީމުގެ އިތުރުން އަންހެން ޓީމް ވެސް ވާދަކުރާނެ ކަމަށެވެ.