މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ ސިޔާސަތުގެ ދަށުން މޮސްކް މެނޭޖްމެންޓް ޕޯޓަލް އިފުތިތާޙު ކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވައުދެކެވެ. އަދި މިއީ މި ސަރުކާރުގެ 14 ވަނަ ހަފުތާގައި ނިންމުމަށް ހަމަޖެހިފައިވާ ކަމެކެވެ.

އިސްލާމީ މަރުކަޒުގައި މިއަދު އޮތް ހަފުލާއެއްގައި މި ޕޯޓަލް އިފުތިތާޙުކޮށްދެއްވީ ސްޓޭޓް މިނިސްޓަރު ޑރ މުހައްމަދު ޝުޖާޢު އަބްދުލް ހަކީމެވެ.

މި ޕޯޓަލްގެ އެހީގައި އިމާމުން މެދުވެރިކޮށް މިސްކިތްތަކުގެ ޙާލަތު ބަރާބަރަށް ކޮންމެ ދުވަހަކުވެސް ބެލޭނެ ކަމަށާއި މިސްކިތްތައް ބެލެހެއްޓުމާއި މަރާމާތުގެ އެންމެހައި ޒިންމާތައް މަތިކުރެވިފައިވާ ކައުންސިލްތަކަށް އެ މައްސަލަ ވަގުތުން ރިޕޯޓްކުރެވިގެންދާނެ ކަމަށް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

މި ޕޯޓަލްގެ ޒަރީޔާއިން ކައުންސިލްތަކާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ދެމެދު މައުލޫމާތު ބަދަލުކުރުމަށްވެސް ފަސޭހަވެގެން ދާނެކަމަށް މިނިސްޓްރީން ބުނެއެވެ.