02 Jun 2012, 10:01
ބަނގުރާ ކަމަށް ތުހުމަތުވާ އެއްޗެއް ހުރި ފުޅިތަކަކާއި މަސްތުވާތަކެތިކަމަށް ޝައްކުވާ އެއްޗެއް ހުރި ޕެކެޓްތަކަކާއެކު 14 ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މި އެންމެން ހައްޔަރު ކުރީ މިދިއަ ބުރާސްފަތި ދުވަހުގެ ރޭ 12:30 އެހާކަންހާއިރު ގަލޮޅު ގަރާޖެއްގެ ތެރެއިންނެވެ. ހައްޔަރު ކުރި 14 ބިދޭސީންގެ ތެރޭގައި ހިމެނެނީ ސްރީލަންކާގެ 13 މީހަކާއި ބަންގްލަދޭޝްގެ މީހެކެވެ. އޭގެ ތެރޭގައި ދެ އަންހެނުން ވެސް ހިމެނެ އެވެ.
މި އެންމެން އަތުލައިގަނެ ހައްޔަރު ކުރީ ކޮން ގަރާޖެއްގެ ތެރެއިން ކަމެއް ފުލުހުން ނުބުނެ އެވެ.
ފުލުހުން ބުނީ ބިދޭސީންތައް ހައްޔަރުކޮށް ގަރާޖު ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުވާ އެއްޗެއް ހުރި ހަތަރު ބޮޑު ފުޅި އާއި ހަތް ޕެޓް ފުޅި ގަރާޖުގައި ހުރި ފޮށި ގަނޑެއްގެ ތެރެއިން ފެނިފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތެރެއިން އެކެއްގެ ވޮލެޓުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރޭ ދެ ޕެކެޓް ފެނިފައިވާ ކަމަށެވެ.