22 Feb 2024, 15:23
ޔުއޭފާ ޗެމްޕިއަންސް ލީގު ރައުންޑް އޮފް ސިކްސްޓީންގެ ފުރަތަމަ ލެގްގައި އެފްސީ ޕޯޓޯ އާއި އާސެނަލް ބައްދަލުކުރި މެޗު ޕޯޓޯއިން ކާމިޔާބު ކޮށްފިއެވެ.
ޕޯޓޯގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ އެއް ލަނޑު ސުން ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު އާސެނަލްއިން ބޯޅަ ގެންގުޅުނުއިރު ގިނަ ހަމަލާ އުފައްދާފައި ވަނީ ޕޯޓޯއިންނެވެ.
މި މެޗުގައި އާސެނަލްއިން ގިނައިރު ބޯޅަ ގެންގުޅުނު ނަމަވެސް އެންމެ ހަމަލާއެއްވެސް ޕޯޓޯގެ ގޯލަށް އަމާޒުކޮށް މި މެޗުގައި ފޮނުވާލެވިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޕޯޓޯއަށް ވަނީ މެޗުގެ ލީޑު ނަގާނެ ރަނގަޅު ދެ ފުރުސަތެއް ފުރަތަމަ ހާފުގައިވެސް ލިބިގެން ގޮސްފައެވެ. މި ގޮތުން ޕޯޓޯގެ ގަލޭނޯ ފޮނުވާލި ފުރަތަމަ ހަމަލާ އާސެނަލް ގޯލްގެ ދަނޑިއަށް އަމާޒުވިއިރު އޭގެ ރީބައުންޑް އޭނާއަށް ގޯލާ އަމާޒު ކުރެވޭގޮތެއް ނުވިއެވެ.
މި ހާފުގައި ނީކޯ ގޮންޒާލޭސްއަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ. މި މެޗުގެ ދެވަނަ ހާފުގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ފުރަތަމަ ހާފުއެކޭ އެއް ކަހަލަ ކުޅުމެކެވެ.
މި މެޗުގައި އާސެނަލްއިން ވެސް ހަމަލާ އުފެއްދި ނަމަވެސް މި މެޗުގައި އެ ޓީމުގެ އެއްވެސް ކުޅުންތެރިޔަކަށް ޕޯޓޯގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވޭ ގޮތެއް ނުވިއެވެ. ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 90 މިނެޓްގެ ކުޅުން ނިމި އިތުރު ވަގުތު ދެއްކުމުން މި މެޗު އެއްވަރު ވެގެން ނިމިދާނެ ކަމަށް ހީވި ނަމަވެސް އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓްގައި ގަލޭނޯ ވަނީ ލަނޑެއް ޖަހާ އާސެނަލް ސިއްސުވާލާފައެވެ.
މި ލަނޑާއެކު ދެވަނަ ލެގަށް ނިކުންނައިރު ޕޯޓޯއިން މި ވަނީ މި މެޗު ކާމިޔާބުކޮށް ލީޑް ނަގައިފައެވެ. ނަމަވެސް މި އަންނަ މަހުގެ 12 ވަނަ ދުވަހު ކުޅޭ ދެވަނަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ އާސެނަލްގެ ދަނޑުގައި ކަމުން އެ ޓީމަށް އަދި ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.