14:00


ސްރީލަންކާގައި ހަލުވިކަމާ އެކު ޑެންގޫ ހުން ފެތުރި މިހާތަނަށް 168 ކުދިން މަރުވެ މި ބަލި ޖެހިގެން ރިޕޯޓުކުރި ކުދިންގެ އަދަދު 25،000 އަށް ވުރެ ގިނަ ކަމަށް ޚަބަރުތައް ބުނެ އެވެ.


ލަންކާގައި މިހާރު ފެތުރެމުންދާ ޑެންގޫ ހުމުގެ ޝިކާރައަކަށް އެންމެ ބޮޑަށް ވެފައި ވަނީ ފަސް އަހަރާއި ނުވަ އަހަރާ ދެމެދުގެ ކުޑަކުދިން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ނަމަވެސް އެތަފާސް ހިސާބުތަކެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.


ލަންކާގައި ޑެންގީހުން ފެތުރެން ފަށައިއިވާކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް އެންމެ ފުރަތަމަ އައިސްފައި ވަނީ މިދިޔަ ޖެނުއަރީ މަހާއި އޭޕްރިލް މަހާ ދެމެދު ޑެންގޫ ހުން ޖެހިގެން ރިޕޯޓުކުރި ބަލި މީހުންގެ އަދަދު އިތުރުވުމާ ގުޅިގެނެވެ. އެ މުއްދަތުގެ ތެރޭގައި 2،800 ޑެންގޫ ކޭސް ރިޕޯޓުކޮށްފައިވެ އެވެ. އެހެން ނަމަވެސް، އެކަށީގެންވާ ފިޔަވަޅުތައް ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް އޭރު އަޅާފައިނުވާތީ ދެން ޖެހިގެން އައި މަސްތަކުގައި މި ބަލި އިތުރަށް އާއްމުވެގެން ވަނީ ގޮސްފަ އެވެ.


މި ބަލި އެންމެ ބޮޑަށް ފެތުރެމުންދަނީ ކެންޑީ ސެންޓްރަލް ހިލް ސަރަހައްދުގައި ކަމަށާއި އެ ސަރަހައްދުން އެކަނިވެސް 2،000 އަށް ވުރެ ގިނަ ޑެންގޫ ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. މީގެ އިތުރުން ވެރިރަށް ކޮލޮމްބޯގެ މޫދާ ކައިރި ހިސާބުތަކުގައި ވެސް މި ބަލި ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް ޚަބަރުތައް ބުނެ އެވެ.


ލަންކާ ސަރުކާރުން ވަނީ ޑެންގީ ހުން ކޮންޓްރޯލް ކުރުމަށް މިހާރު ޚާއްސަ ކެމްޕެއިނެއް ފަށާފަ އެވެ.


އެންމެ ފަހުން ލަންކާގައި ޑެންގޫ ހުން އާއްމުކޮށް ފެތުރިފައިވަނީ 2004 ވަނަ އަހަރު އެވެ. އެ އަހަރު 88 މީހުން މަރުވެ، 15،000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވެ އެވެ.