އިންގްލިޝް ޕްރިމިއާ ލީގުގައި ތާވަލްގެ އެއްވަނައިގައި އުޅޭ ލިވަޕޫލް އާއި ރެލިގޭޝަނުން ސަލާމަތް ވުމަށް މަސައްކަތް ކުރަމުންދާ ލޫޓަން ޓައުން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލިވަޕޫލުން ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރާ ހަތަރު ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލިވަޕޫލްއިންނެވެ. ނަމަވެސް މި މެޗުގެ ފެށުން ރަނގަޅުވެފައިވަނީ ލޫޓަންގެއެވެ. މި ގޮތުން މެޗުގެ 12 ވަނަ މިނެޓްގައި ލޫޓަންއިން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގައި ލިވަޕޫލް ހައިރާން ކޮށްލާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޗިއެޑޯޒީ އޮގްބެނޭއެވެ.

ފުރަތަމަ ހާފުގައި ލިވަޕޫލަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެންދިޔަ ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. މީގެ ތެރެއިން ވެސް ލުއިސް ޑިއާޒްއަށް ލިބިގެންދިޔަ ފުރުސަތުތައް ފާހަގަ ކޮށްލެވުނެވެ.

މި މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ފެށީ ފުރަތަމަ ހާފުވެސް ނިންމާލި ހިސާބުން ހަމަލާއަށް އިސްކަންދީގެންނެވެ. މި ގޮތުން އެ ޓީމުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 56 ވަަނަ މިނެޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ވާޖިލް ވެން ޑައިކްއެވެ. އަދި ލަނޑު ޖެހިތާ ތިން މިނެޓް ފަހުން ލިވަޕޫލްއިން ވަނީ ކޯޑީ ގަކްޕޯ ޖަހާދިން ލަނޑުން މެޗުގެ ލީޑުވެސް ނަގާފައެވެ. މި މެޗުގައި ލިވަޕޫލްގެ ތިން ވަނަ ލަނޑު މެޗުގެ 71 ވަނަ މިނެޓްގައި ޖަހައިދިނީ ޑިއާޒްއެވެ. އަދި ފަހު ލަނޑު މެޗުގެ 90 ވަނަ މިނެޓްގައި ޖަހައިދިނީ ހާވީ އެލިއޮޓްއެވެ.

މި ކާމިޔާބީއާއެކު ލިވަޕޫލް މިހާރު އުޅެނީ ކުޅުނު 26 މެޗުން ލިބިފައިވާ 60 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑަކާއެކުއެވެ. އަދި ލޫޓަން އުޅެނީ 20 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.