22 Feb 2024, 10:37
މާލެ ސަރަހައްދުގައި ތޮއްޖެހުން ހައްލުކޮށް އެއްގަމު އުޅަނދުތައް މަދުކުރުމަށްޓަކާ ގިނަ ދުވަސްވެ، ބޭނުންނުކުރާ އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމެއްގެ ތެރެއިން މިހާތަނަށް 56 އުޅަނދެއް ނައްތާލާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން މިއަދު ބުނެފިއެވެ.
މިނިސްޓްރީގެ އިސްނެގުމުގެ ދަށުން މި މަސައްކަތް ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
މިހާތަނަށް 56 އުޅަނދެއް ނައްތާލާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ނަމަވެސް އެ އުޅަނދުތަކުގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީ، ފުލުހުން، މާލޭސިޓީ ކައުންސިލް، އެޗްޑީސީ، ކަސްޓަމްސް، އެމްޓީސީސީ، ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާ، ވެމްކޯ އަދި އިގްތިޞާދީ ތަރައްގީއާ ވިޔަފާރިއާ ބެހޭ ވުޒާރާ ގުޅިގެން ހިންގާ މި ޕްރޮގްރާމުގެ މަގުސަދަކީ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގައި ހުރި ހުރަސްތަކުން އަރައިގަތުމެވެ.
އަދި ގްރޭޓާ މާލޭ ސަރަހައްދުގައި ހިނގާ އެކްސިޑެންޓުތަކުން މީހުންގެ ފުރާނަ ގެއްލޭ މިންވަރު މަދުކުރުމަށާއި ނުރައްކަލަށް ހުށަހެޅޭ ފަރާތްތައް މަދުކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމްކޮށްދިނުމެވެ.
މާލޭގެ އިތުރުން ހުޅުމާލޭގެ އެކި ސަރަހައްދުތަކައި ނުދުއްވާ، ބާވެ ހަލާކުވެފައިވާ ވެހިކަލްތައް ހުރެއެވެ. މިކަމުގެ ސަބަބުން މަގުތައް ބޭނުންކުރުމަށް ދަތިވެ ޓްރެފިކް ބާރުބޮޑުވެއެވެ.