02 Jun 2012, 09:51
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިކުންފުނި އެސްޓީއޯއިން ރާއްޖެ އެތެރެކުރާ ޕިލިޕްސް ބްރޭންޑުގެ ޕްރޮޑެކްޓްތަކަށް އިންޓަނޭޝަނަލް ވޮރެންޓީ ދޭން ފަށައިފި އެވެ. އެސްޓީއޯއިން އިންޓަނޭޝަނަލް ވޮރެންޓީ އިފްތިތާހު ކުރަން ރޭ ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި ވޮރެންޓީ އިފުތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޗެއާމަން އަބްދުﷲ ފާއިޒް އެވެ.
އެސްޓީއޯއިން ވިއްކާ ފިލިޕްސް ބްރޭންޑްގެ ތަކެއްޗަށް ދެން ދޭނީ ދެ އަހަރު ދުވަހުގެ އިންޓަނޭޝަނަލް ވޮރެންޓީ އެކެވެ. އެ ބްޜޭންޑްގެ އުފެއްދުންތަކަށް ކުރިން އެސްޓީއޯއިން ދެމުން އައީ ހަ މަސް ދުވަހުގެ ލޯކަލް ވޮރެންޓީ އެކެވެ.
ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ ޗެއާމަން އަބްދުއްﷲ ފާއިޒް ވިދާޅުވީ ޕިލިޕްސް ކުންފުންޏަކީ ދުނިޔޭގައި ވަރަށް ދުވަސްވީ ވަރަށް އިތުބާރުހުރި ކުންފުންޏެއް ކަމަށާއި އެފަދަ ކުންފުންޏެއްގެ އުފެއްދުންތަކުގެ އިންޓަނޭޝަނަލް ވޮރެންޓީ އެސްޓީއޯއިން ދެވެން ފެށުމަކީ އެސްޓީއޯއަށް ވެސް އަދި ރާއްޖެއަށް ވެސް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"މި ވޮރެންޓީގެ ސަބަބުން ރާއްޖެ އަންނަ ޓޫރިސްޓުންނަށް ވެސް އެސްޓީއޯއިން ޕިލިޕްސް މަރުކާގެ ތަކެތި ގަތުމުގެ މަގު ފަހިވެގެންދާނެ، ސަބަބަކީ އެސްޓޯއިން ދޭ އިންޓަނޭޝަނަލް ވޮރެންޓީގައި އެހެން ގައުމުތަކުން ވެސް އެ ޕްރޮޑަކްޓަކަށް ސާވިސް ހޯދޭނެތީ،" ފާއިޒް ވިދާޅުވި އެވެ.
ޕިލިޕްސް ބްރޭންޑުގެ ބެލެނިވެރިޔާ، ޕިލިޕްސް ކުންފުންނަކީ 1891 ވަނައަހަރު އުފެދުނު ކުންފުންޏެކެވެ. ފިލިޕްސްއަކީ ދުނިޔޭގެ 60 ގައުމެއްގައި ހިދުމަތް ދޭ މަލްޓިނޭޝަނަލް ކުންފުންޏެކެވެ.