އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ މިއަދުގެ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާކަން "ސަން އޮންލައިން" އަށް ކަށަވަރުވެއްޖެ އެވެ.

ބްލެއާ ރާއްޖެ ވަޑައިގަންނަވަނީ އަމިއްލަފުޅު ޗުއްޓީއެއް ހޭދަކުރެއްވުމަށް ކަމަށް ވަނީ އެނގިފަ އެވެ. އަދި ޗުއްޓީ ހޭދަކުރައްވާނީ ފޯސީޒަންސް ރިސޯޓްގައި ކަމަށް ވެސް މައުލޫމާތުލިބެ އެވެ.

އޮފިޝަލަކު މިއަދު ވިދާޅުވީ ބްލެއާ ރާއްޖެ ވަޑައިގަތުމަށް ފަހު ކުޑަ ވަގުތުކޮޅެއްގައި މާލޭގައި މަޑުކުރައްވާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ބްލެއާގެ ދަތުރުފުޅާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް އެއްޗެއް އަދި ނުބުނެ އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރަކު އަދި ބޮޑުވަޒީރަކަން ކުރެއްވި ބޭފުޅަކު މީގެ ކުރިން ރާއްޖެ ވަޑައިގަތް ކަމެއް އެނގިފައެއް ނުވެ އެވެ. ރައީސް ނާސިރުގެ ވެރިކަމުގައި އިނގިރޭސި ރާނީ ކުއީން އެލިޒަބަތު ދެ ވަނަ ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި އެވެ.

ބްލެއާ ވަނީ އިނިގިރޭސި ބޮޑުވަޒީރުކަން ފަސް އަހަރު ދުވަހުގެ ދެ ދައުރު އަދާކުރައްވައިފަ އެވެ. އޭނާ ބޮޑުވަޒީރުކަމުން ވަކިވެ ވަޑައިގަތީ 2007 ޖޫން 27ގަ އެވެ. އޭގެ ފަހުން ބްލެއާ ގެންދަވަނީ އާންމު ހިދުމަތުގެ އެކި މަސައްކަތްތައް ކުރައްވަމުންނެވެ.