މި ސަރުކާރުން ވެރިކަމާ ހަވާލުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްލުޤައްޔޫމްގެ މައްޗަށް އިންސާފު ގާއިމްކޮށްދޭން ނަމަވެސް، އެކަން ނުވިކަމަށާއި ސަރުކާރުން ހަދަނީ ދޮގުގެ މައްޗަށް ދޮގުކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ތިމަރަފުށީ ދާއިރާގެ އެމްޑީޕީގެ ކެންޑިޑޭޓް ފަތުހުﷲ ޖަމީލުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޞާލިޙް ވިދާޅުވީ، މި ސަރުކާރުން ހަދާ ދޮގުތައް މިހާރު ރައްޔިތުންނަށް ފަޅާ އަރައިފި ކަމަށެވެ. އަދި މަޖިލީސް އިންތިޚާބުގެ މެޖޯރިޓީ ސަރުކާރަށް ލިބިއްޖެ ނަމަ އަލުން އިޔާދަވާނީ 2014ވަނަ އަހަރުގެ އަނިޔާވެރިކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޞާލިޙް ވިދާޅުވީ، 2014 ވަނަ އަހަރު މަޖިލީހުގެ ސުޕަ މެޖޯރިޓީ އޭރު ވެރިކަން ކުރި ޕީޕީއެމްއަށް ލިބުނު ކަމަށެވެ. އަދި ބާރު ލިބުމުން ޕީޕިއެމްއިން ހުރިހާ އިންސްޓިޓިއުޝަންތައް ސަރުކާރުގެ އަތްދަށުކުރި ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އެއްޗެއް ބުނެލާ ކޮންމެ މެމްބަރަކު ގެންގޮސް ޖަލަށްލީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން މުޅި މަޖިލީހުގައި ތަޅު އަޅުވައި، ރޭގަނޑު ދަންވަރު "ފުރާޅުން ޓިނު ނަގައިގެން" އުއްތަމަ ފަނޑިޔާރު ގެންގޮސް ކުޑަ ގޮޅިއަށް ލީކަމަށް ޞާލިޙް ވިދާޅުވިއެވެ.

"މީ ބާރުތަކެއް އެބޭފުޅުންނަށް ލިބުނީމައި ކަންކުރި ގޮތް. މިއަދު ވެސް އެ ތިއްބެވީ އެ ބޭފުޅުން. ހަމަ އެކަނި މަދީ އެންމެ ބޭފުޅެއް. އެބޭފުޅާއާ މެދު ވެސް މިހާރު އެ އުޅެނީ އިންސާފު ގާއިމް ނުކުރެވިގެން. ދޮގު މައްޗަށް ދޮގު، ދޮގު މައްޗަށް ދޮގު ހަދަމުން އެ ދަނީ،" ޞާލިޙް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެމްޑިޕީއަށް މަޖިލީހުގެ މެޖޯރިޓި ކޮންމެހެން ވެސް ބޭނުންވާ ކަމަށެވެ. އަދި އެމްޑީޕީގެ ކެމްޕެއިން ކޮމިޓީގެ ޗެއާގެ ހައިސިއްޔަތުން އެ ޕާޓީއަށް މަޖިލިސް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކަށް ފާޑު ވިދާޅުވެ، ޞާލިޙް ވިދާޅުވީ އެ ކޮމިޝަނަކީ މިނިވަން މުއައްސަސާއެއް ކަމަށެވެ. އަދި އެ ކޮމިޝަނުން ރަމަޟާން މަހު އިންތިޚާބު ބާއްވަން މަޖުބޫރުވީ ކަމަށް ބުނި ނަމަވެސް، މިނިވަން މުއައްސަސާއަކަށް އެއްވެސް ކަމެއް މަޖުބޫރު ނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިނިވަން މުއައްސަސާތަކަށް އަޅުގަނޑުމެން ދިން ބާރުތަކާ އެކީގައި މި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރި މަސައްކަތް މިއަދު އަނެއް ފުށަށް ޖަހަމުން އެ ދަނީ. އިލެކްޝަންސް ކޮމިޝަން އަޅުގަނޑުމެން އެއީ އިތުބާރު ކުރެވޭ ތަނަކަށް ހެދިން،" ޞާލިޙް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ސަރުކާރުގެ ނުފޫޒުން އެއްކިބާވެ މިނިވަން ވުމަށް ގޮވައިލައްވައިފައެވެ. އަދި ރޯދަމަހުގައި އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ތަސްދީގު ކުރުމަށް ވެސް އެމަނިކުފާނު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވާފައެވެ.

ރައީސް މުއިއްޒާއި ޔާމީންގެ ގުޅުން ގޯސްވެފައިވާއިރު، ޔާމީން އަދިވެސް ޖަލު ހުކުމް ތަންފީޒު ކުރައްވަމުންގެންދަވާތީ އެ މަނިކުފާނަށް ތާއިދު ކުރާ ފަރާތްތަކަށް އަންނަނީ ރައީސަށް ފާޑު ކިޔަމުންނެވެ.

ފަތުރުވެރިކަމަށް ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅުންހުރި ކޮރަޕްޝަނުގެ ދައުވާތަކެއް ސާބިތުވުމާ ގުޅިގެން 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޔާމީން، ޖަލުން ގެކޮޅަަށް ބަދަލު ކޮށްދެއްވީ ޞާލިޙެވެ. އެއީ ރިޔާސީ އިންތިޚާބު ކާމިޔާބުވުމާއެކު ރައީސް މުއިއްޒު، އެކަމަށް އެދިވަޑައިގަތުމުންނެވެ.