އިއްޔެއިން ފެށިގެން ސިވިލް ކޯޓުގެ ރިސެސް ފަށައިފި އެވެ. ސިވިލް ކޯޓްގެ ރިސެސް މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެ އެވެ.

ރިސެސްގެ ތެރޭގައި އާންމު ޝަރީއަތްތަކުގެ މަޖިލިސްތައް ނުބޭއްވި ނަމަވެސް އަވަސް މައްސަލަތަކާއި ވަގުތީ އަމުރާ މެދު ގޮތެއް ނިންމުން އޮންނާނެ ކަމަށެވެ. އަދި މައްސަލަތަކާ ގުޅިގެން ނިންމަންޖެހޭ ރިޕޯޓުތަކާއި، ފަނޑިޔާރުންގެ މެދުގައި ބައްދަލުވުންތައް ބޭއްވުން ވެސް ރިސެސްގެ ތެރޭގައި އޮންނަންނާނެ އެވެ. ރިސެސްއަށް ދިއުމަށްފަހު އާންމު ގޮތެއްގައި މުވައްޒަފުންނަށް އިތުރު ތަމްރީން ދިނުމުގެ ޕްރޮގްރާމްތައް ސިވިލް ކޯޓްގައި އަބަދުވެސް އޮވެއެވެ.

ކޯޓް ރިސެސްއަށް ދިޔުމަކީ ޗުއްޓީއެއް ނޫނެވެ. ރިސެސްގެ ތެރޭގައި ގާޒީންނާއި އިދާރީ މުވައްޒަފުން ވެސް އޮފީހަށް ނުކުންނަވާނެ ކަމަށެވެ.

ސިވލް ކޯޓްގެ އޮފިޝަލަކު ވިދާޅުވީ ކޮންމެ އަހަރަކު ވެސް ދެ ފަހަރު ރިސެސްއަށްދާން އެ ކޯޓުން ހަމަޖައްސާފައިވާ ކަމަށާއި މިއަހަރު ދެވަނަ ރިސެސް އަށް ދިޔުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު އެއްވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ސިވިލް ކޯޓް ރިސެސްއަށް ގޮސްފައިވާއިރު އިއްޔެ އިން ފެށިގެން މިމަހުގެ 15 ވަނަ ދުވަހާ ހަމަޔަށް ކްރިމިނަލް ކޯޓުގެ ރިސެސް ވަނީ ފަށާފަ އެވެ.