02 Jun 2012, 09:20
ވޮޝިންގޓަން (ޖޫން 2): ދުނިޔޭގައި އެެމެރިކާ ރުކުރުވާލާފައިވާ ޢަސްކަރީ ބާރުތަކުގެ 60 ޕަސެންޓް އޭޝިޔާ ޕެސިފިކް ސަރަޙައްދަށް ބަދަލުކުރުމަށް ނިންމައިފި ކަން އެމެރިކާގެ ދިފާޢީ ވުޒާރާ، ޕެންޓަގަން އިން ބުނެފި އެވެ.
އެމެރިކާގެ ދިފާޢީ ވުޒާރާ އިން ބުނި ގޮތުގައި 2020 ވަނަ އަހަރާ ހަމައަށްދާ އިރު އެމެރިކާ، ޤައުމުން ބޭރުގައި ރުކުރުވާލާފައިވާ ޢަސްކަރީ ބާރުތަކުގެ 60 ޕަސެންޓް އޮންނާނީ އޭޝިޔާ ޕެސިފިކް ސަރަޙައްދުގަ އެވެ. އެމެރިކާގެ ޢަސްކަރީ ވުޖޫދު އޭޝިޔާ ޕެސިފިކް ސަރަޙައްދުގައި އިތުރުކުރުމުގެ ކަންތައް މިހާރުން ފެށިގެން ކުރިޔަށްދާ ކަމަށް ވެސް ޕެންޓަގައިން އިން ބުނެ އެވެ. އެކަމާ ބެހޭ ގޮތުން ދެއްވި ބަޔާނެއްގައި އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ޕެނެޓާ ވެސްވަނީ މިކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
ދުނިޔޭގައި އެެމެރިކާ ރުކުރުވާލާފައިވާ ޢަސްކަރީ ބާރުތަކުގެ 60 ޕަސެންޓް އޭޝިޔާ ޕެސިފިކް ސަރަޙައްދަށް ބަދަލުކުރަނީ އެއީ ސްޓްރެޓީޖިކް ގޮތުންނާއި އިޤްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ދުނިޔޭގެ އެންމެ މުހިއްމު ސަރަޙައްދަށް އެ ސަރަޙައްދު ބަދަލުވަމުން ދާތީ އެ ސަރަޙައްދުގައި އެމެރިކާގެ ޢަސްކަރީ ވުޖޫދު ވަރުގަދަ ކުރުމަށް ކަމަށް ވެސް ޕެނެޓާ ވިދާޅުވި އެވެ.
ސިންގަޕޫރުގައި ވާހަކަ ދައްކަވަމުން ޕެނެޓާ ވިދާޅުވީ އެމެރިކާގެ ޢަސްކަރީ ވުޖޫދު އޭޝިޔާ ޕެސިފިކް ސަރަޙައްދުގައި އިތުރުކުރުމަށް އެތައް އަހަރެއް ބޭނުންވާ ކަމަށާއި އެކަމަށް އެތައް ސަތޭކަ ބިލިޔަން ޑޮލަރެއްގެ ފައިސާ ވެސް ބޭނުންވާ ކަމުގަ އެވެ. އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ހަމަޖެހިފައި ވަނީ ކޮންމެ އަހަރެއްގެ ދިފާޢީ ބަޖެޓުގައި ހިމަނައިގެން ކަމަށް ވެސް ޕެނެޓާ ވިދާޅުވި އެވެ.
ދުނިޔޭގެ އިޤްތިސާދާއި ވިޔަފާރީގެ މައިމަރުކަޒުގެ ގޮތުގައި ކުރިން އޮތް ޔޫރަޕާއި އެމެރިކާ، އިޤްތިސާދީ ގޮތުން ހީނަރުވެ އޭޝިޔާގެ ޤައުމުތައް އިޤްތިސާދީ ބޮޑެތި ބާރުތަކަށް ބަދަލުވަމުންދާތީ ދުނިޔޭގެ އިޤްތިސާދުގެ މައިމަރުކަޒު ހުޅަނގުން އޭޝިޔާ ސަރަޙައްދަށް ދަނީ ބަދަލުވަމުންނެވެ. ދެހާސް އަށް ވަނަ އަހަރުގައި ދުނިޔޭގެ އިޤްތިސާދީ ބޮޑުބާރަކަށް ވެގެންދާނެ ކަމަށް ބެލެވިފައި ވަނީ އޭޝިޔާގެ ޤައުމެއް ކަމަށްވާ ޗައިނާ އެވެ. އަދި 2030 ގައި ދުނިޔޭގެ އިޤްތިސާދީ ދެވަނަ ބާރަކަށް ވެގެންދާނީ އެމެރިކާގެ ބަދަލުގައި އިންޑިޔާ ކަމަށް ބެލެވިފައިވާ އިރު އެމެރިކާ އޭރު އޮންނާނެ ކަމަށް ބެލެވިފައި ވަނީ ތިން ވަނަ ބާރެއްގެ ގޮތުގަ އެވެ.
އެމެރިކާގެ ޢަސްކަރީ މިބަދަލަކީ ދުނިޔޭގެ އާރާއިބާރު ޔޫރަޕާއި އެމެރިކާ އިން އޭޝިޔާ ޕެސިފިކް އަށް ބަދަލުވަމުންދާތީ ގެންނަ ބަދަލެއް ކަމަށް ވިޔަސް މިބަދަލުގެ ސަބަބުން ޗައިނާ ކަންބޮޑުވާނެ ކަމަށް މުރާސިލުން ބުނެ އެވެ. ކުރިމަގުގައި އެމެރިކާ އިޤްތިސާދީ ތިން ވަނަ ބާރަކަށް ބަދަލުވެގެންދާ އިރު ޢަސްކަރީގޮތުން ވެސް އެމެރިކާ މިހާރަށް ވުރެ ބަލިކަށިވެގެންދާނެ ކަމަށާ މިހާރު ރުކުރުވާލާފައިވާ ފަދަ ބޮޑު ލަޝްކަރުތަކެއް އޭރުން ދުނިޔޭގައި އެމެރިކާ އަށް ރުކުރުވާނުލެވޭނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ލަފާކުރެ އެވެ. (ބީ.ބީ.ސީ+މީޑިޔާ ރިޕޯޓްތައް