ޔޫރޯ ފްޓްބޯޅަ މުބާރާތުގެ ފޯރި ރާއްޖޭގައި އިތުރުކޮށް ޒުވާނުންނަށް ފުރުސަތުތައް ހޯދައި ދިނުމަށް އެސްޓީއޯއިން "ޔޫރޯފޯރިއާ ގުންޒަރު"ގެ ނަމުގައި މައިޒާންތަކެއް ތައާރަފުކޮށްފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ހަފުލާއެއްގައި އެސްޓީއޯ ހިޓާޗީ ޔޫރޯފޯރިއާ ގުންޒަރު ތައާރަފްކޮށްދެއްވީ ޔޫތު މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ.

ރޭގެ ހަފުލާގައި އެސްޓީއޯގެ ޗެއާމަން އަބުދުﷲ ފާއިޒް ވިދާޅުވީ އެސްޓީއޯގެ ހިޓާޗީ ޔޫރޯފޯރިއާ ގުންޒަރަކީ ޔޫރޯއާ ދިމާކޮށް ޒުވާނުންގެ މުނިފޫހި ފިލުވުމަށާއި އެކުވެރިކަން އާލާކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.

މި ޕްރޮގްރާމްގައި ޔޫރޯ ފުޓްބޯޅަ މުބާރާުތުގެ މެޗުތައް ބެލުމަށް ހާއްސަ މައިޒާންތަކެއް މާލޭގެ ނުވަ ސަރަހައްދެއްގައި ގާއިމްކޮށް އެ މައިންޒާތަކަށް ބޭނުންވާ ޕްރޮޖެކްޓްރާއި ސްކްރީން އަދި އެހެނިހެން ވަސީލަތްތައް އެސްޓީއޯއިން ވަނީ ފޯރުކޮށްދީފަ އެވެ. އެގޮތުން ނުވަ ފަރާތަކަށް ހިޓާޗީ ޕުރޮޖެކްޓަރު ހަވާލުކުރުން ވެސް ރޭ އޮތެވެ. ޕްރޮޖެކްޓަރުތަކާ ހަވާލުވީ ގުންޒަރުތައް ހެދުމުގައި އިސް ނެގި ނުވަ ކްލަބެކެވެ.

އެސްޓީއޯއިން ބުނީ ގުންޒަރުތަކުން ޔޫރޯ މުބާރާތުގެ މެޗުތައް ހިޓާޗީ ކޮލެޓީ ޕްރޮޖެކްޓަރުގެ އެހީގައި ފެނިގެންދާނެ ކަމަށެވެ.

ރޭގެ ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޔޫތު މިނިސްޓަރު ވިދާޅުވީ ޒިންމާދާރު ކަމާއެކު ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ކަންކަމުގައި ޒުވާނުންނަށް ޝާމިލް ވެގެން އުޅެވޭނަމަ ކުށުގެ ވެށިން ޒުވާނުން ސަލާމަތް ކުރެވޭނެ ކަމަށާއި އަދި އެސްޓީއޯއިން ޒުވާނުނަށް ހިދުމަތް ކުރުމުގައި ބަހައްޓާ ގާތްކަން ފާހަގަކުރެވޭ ކަމަށެވެ.

ހިޓާޗީ ޔޫރޯފޯރިއާ ގުންޒަރުގައި ބައިވެރިވާ ނުވަ ކުލަބަށް ރޭ ޕްރޮޖެކްޓަރު ހަވާލުކުރީ ޔޫތު މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި ހޯމް މިނިސްޓަރު އަދި ޕޮލިސް ކޮމިޝަނާ އެވެ.

އެސްޓީއޯއިން ވަނީ ފުޓްބޯޅައަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ޔޫރޯފޯރިޔާގެ ނަމުގައި ޕްރޮމޯޝަނެއް ވެސް މިދިއަ މަހު ހިންގާފަ އެވެ.