މިހާރު ކުރަމުންދާ އިރުވައި މޫސުމުގެ ވިއްސާރަ އަދިވެސް އަލިނުވާ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރު ވިއްސާރަ ވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން މިއަދު ބުނެފިއެވެ.

މެޓު އޮފީހުން މިއަދު ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކުރެވޭ ކަމަަށެވެ. އަދި، ވިއްސާރައާ އެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށާއި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓު އޮފީހުން ބުންޏެވެ.

މިގޮތުން، މެދުރާއްޖެތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި އެހެން ހިސާބުތަކަށް ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓު އޮފީހުން ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މި އަހަރު ފެށުނުއިރު ރާއްޖެއަށް ކުރަމުން އައި ވިއްސާރަ ދުވަސްތަކަކަށް ހުއްޓުމަށް ފަހު މި ހަފުތާ ތެރޭގައި އަނެއްކާ ވެސް ވަނީ ވިއްސާރަވެފައެވެ.

މެޓު އޮފީހުން ކުރިން ބުނީ އިރުވައި މޫސުން ފެށޭ ދުވަސްވަރު އާންމުކޮށް ވިއްސާރަކުރާ ކަމަށެވެ. އެކަމަކު، ދެ ދުވަހެއް ފަހުން ވިއްސާރަ އަލިކުރާނެ ކަމަށް އެ އިދާރާއިން ކުރިން އާދިއްތަ ދުވަހު ވަނީ ލަފާކޮށްފައެވެ.