ބަރލިން (ޖޫން 2): ސޫރިޔާގެ މައްސަލަ ބާރުގެ ބޭނުންކޮށްގެން ޙައްލު ނުކުރެވޭނެ ކަމަށް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވެއްޖެ އެވެ.

ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލްއާ ބާލިންގައި ބައްދަލުކުރެއްވުމަށް ފަހު ބޭއްވި ގުޅިފައިވާ ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ޕޫޓިން ވިދާޅުވީ ސޫރިޔާގެ ވަކިފަރާތަކަށް ރަޝިޔާ ތާއީދުނުކުރާ ކަމުގަ އެވެ.

ރަޝިޔާ ސަރުކާރުން ސޫރިޔާ އަށް ހަތިޔާރު ފޯރުކޮށްދޭ ކަމަށާއި އެކަމުގެ ސަބަބުން އަހްލީ ހަނގުރާމަ އަކަށް ސޫރިޔާ ވެއްޓިދާނެ ކަމަށް ބުނެ އެމްނެސްޓީ އިންޓަނޭޝަނަލް އިން ކޮށްފައިވާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ޕޫޓިން ވިދާޅުވީ ރަޝިޔާ އިން ފޯރުކޮށްދީފައިވާ ހަތިޔާރުގެ ސަބަބުން ސޫރިޔާގެ މައްސަލަ އަހްލީ ހަނގުރާމައަކަށް ބަދަލުނުވާނެ ކަމުގަ އެވެ. ޕޫޓިން ވިދާޅުވީ ސޫރިޔާގެ މައްސަލަ އަށް ސީޔާސީ ޙައްލެއް ނޫނީ ނުގެނެވޭނެ ކަމަށާއި ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް މަދަދު ދިނުން ހުޅަނގުން ހުއްޓާލަންވެއްޖެ ކަމުގަ އެވެ.

ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލް ވެސްވިދާޅުވީ ބާރުގެ ބޭނުންކޮށްގެން ސޫރިޔާގެ މައްސަލަ ޙައްލު ނުކުރެވޭނެ ކަމަށް ޖަރުމަނު ވެސް ޤަބޫލުކުރާ ކަމުގަ އެވެ. ނަމަވެސް ޖަރުމަނުގެ ޚާރިޖީ ވަޒީރު ވަނީ ސޫރިޔާއާ މެދު ރަޝިޔާ ގެންގުޅޭ ސިޔާސަތުތައް ބަދަލުކުރުމަށް ޕޫޓިންގެ ކިބައިން އެދިވަޑައިގެންފަ އެވެ. ޕޫޓިން ޖަރުމަނަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ދެންވަޑައިގަންނަވާނީ ޕެރިހަށެވެ.

ސޫރިޔާގެ މައްސަލަ ބާރުގެ ބޭނުންކޮށްގެން ޙައްލު ނުކުރެވޭނެ ކަމަށް ޕޫޓިން ވިދާޅުވީ ސޫރިޔާ އަށް އަސްކަރީގޮތުން ވަދެގަންނަން ޖެހިފައިވާ ކަމަށް ވިދާޅުވެ، އެމެރިކާ އާއި ފަރަންސޭސި މަސްއޫލުވެރިން ހަރުކަށި ބަޔާންތަކެއް ދެއްވާފައިވަނިކޮށެވެ. (އަލްޖަޒީރާ)