22 Feb 2024, 15:28
ފަލަސްތީނުގެ ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމަ ހުއްޓާލިޔަސް، އާންމުންނަށް އޮތް ސިއްހީ ނުރައްކަލުގެ ސަބަބުން ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އިތުރު 8،000 މީހުން މަރުވެދާނެ ކަމަށް އެމެރިކާއާއި އިނގިރޭސިވިލާތުގެ ދިރާސާކުރާ ފަރާތްތަކުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
ހަނގުރާމައިގައި ޣައްޒާގެ ހޮސްޕިޓަލްތައް ސުންނާފަތިކޮށްފައިވާއިރު، 2.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގެ 85 އިންސައްތައަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.
ގެދޮރު ގެއްލިފައިވާ އެންމެން ތޮއްޖެހިފައިވާ ވަގުތީ ހިޔާތަކުގައި ދިރިއުޅެން ޖެހުމުގެ ސަބަބުން ބޭރަށްހިންގުން ފަދަ އެކި ކަހަލަ ބަލިތައް ފެތުރި ކާނާއާއި ސާފުބޯފެން ނުލިބުމުގެ ސަބަބުން މީހުންގެ ފުރާނަދާ ހިސާބަށް ޣައްޒާގެ ހާލަތު ވަނީ ދަށަށް ގޮސްފައެވެ.
ހޯމަ ދުވަހު އާންމުކޮށްފައިވާ އެ ރިޕޯޓުގައި ވާގޮތުން ހަނގުރާމަ އިތުރަށް ކުރިއަށްދާނަމަ، ޣައްޒާއިން މަރުވާ މީހުންގެ އަދަދު އިތުރުވާނެއެވެ. ނަމަވެސް ކާނާ ލިބުން ދަތިވުމާއި، ކޮލެރާ ފަދަ ބަލިތައް ފެތުރި، ހަކުރުބަލި ފަދަ ބަލިތައް ތަހައްމަލުކުރަމުންދާ އާންމުންނަށް އެކަށީގެންވާ ފަރުވާ ނުލިބި ވެސް އެތައް ހާސް ބަޔަކު މަރުވެގެންދާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައިވެއެވެ.
މާރާމާރީތައް އިތުރުވެ، ބޮޑެތި ބަލިތައް ފެތުރި ހާލަތު އެންމެ ގޯސްވާއިރު، އޮގަސްޓް މަހުގެ ކުރީކޮޅުގެ ނިޔަލަށް ގާތްގަނޑަކަށް 85،570 މީހުން މަރުވެދާނެ ކަމަށާއި، އޭގެ ތެރެއިން 68،650 މީހުން މަރުވާނީ ސިއްހީ ނުރައްކަލުގެ ތެރޭގައި ކަމަށް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.
ހަނގުރާމަ ހުއްޓާލި ނަމަވެސް، ބައްޔެއް ފެތުރިގެން ޣައްޒާގެ ސާފުތާހިރުކަމާއި ސިއްހީ ނިޒާމު އަލުން ބިނާކުރުމަށް ގޮންޖެހުންތައް އިތުރަށް ބޮޑުވެއްޖެނަމަ، ހަމަ އެ މުއްދަތުގައި ގާތްގަނޑަކަށް 11،580 މީހުން މަރުވެދާނެ ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 3،250 މީހުން މަރުވާނީ އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ދިމާވާ އުނދަގޫތަކުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި، 8330 މީހުން އިތުރު އެހެނިހެން ސަބަބުތަކާހެދި މަރުވާނެ ކަމަށް ބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލު ފައުޖުތަކުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާތަނަށް ވަނީ 29،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.