02 Jun 2012, 08:52
ލޯކަލް ކައުންސިލްތައް ނުވަތަ ލާމަރުކަޒީ އުސޫލު ރާއްޖެއަށް ތައާރަފު ކުރަންޖެހުނީ ކަތީބުންނާއި އަތޮޅުވެރިން އިންތިހާބު ކުރުމަށް ގިނަ ރައްޔިތުން ހިޔާލު ފާޅުކުރަން ފެށި ހިސާބުންނެވެ. އޭރު އެކަމަށް އެންމެ ބޮޑަށް ތާއީދު ކުރެއްވި އެއް ބޭފުޅަކީ އޭރުގެ އެޓޯލްސް މިނިސްޓަރު އަދި މިހާރުގެ ނައިބު ރައީސް މުހައްމަދު ވަހީދުންދީން (ޑީން) އެވެ. އެމަނިކުފާނާ އެއް ވިސްުނުމެއްގައި އެކަމަށް އޭރު އެންމެ ބޮޑަށް ވަކާލާތުކުރީ އެމްޑީޕީ އެވެ.
ހިޔާލުތަފާތުވާ ކަންތައްތަކެއް ހުރި ނަމަވެސް އެ ދެ ފަރާތުގެ ވިސްނުުން އޭރު ދާދި އެއްގޮތެވެ. އޭގެ ފަހުން ލޯކަލް ކައުންސިލްތައް ވުޖޫދަށް އައިސް މަސައްކަތް ފެށި ވަނީ ތަޖުރިބާތަކެއް ވެސް ކޮށްފަ އެވެ.
ނަމަވެސް ކައުންސިލްތަކަށް ހޮވިވަޑައިގެންނެވި ބޭފުޅުން އެކަމަށް އާވުމާއި ތަޖުރިބާ ނެތުމާއި ސިޔާސީ ނުފޫޒުގައި ޖެހުމުގެ ސަބަބުން އަދި ސަރުކާރުން ކޮށްދޭން ޖެހޭ ގިނަ ކަންތައްތަކެއް ވެސް ނުކޮށްދެވި އޮތުމުގެ ސަބަބުން ކައުންސިލްތައް ވާގި ނެތިފަ އެވެ. ކައުންސިލްތަކުގެ ނިޒާމް ގެނައުމުގެ ހިޔާލު ފެތުރުއްވި ވަހިއްދީން ވެސް ވިދާޅުވީ އެހެންނެވެ. ކައުންސިލްތައް އެކަށީގެންވާ ގޮތަކަށް ނުހިނގާ ކަމަށެވެ.
ލޯކަލް ކައުންސިލްތައް އުފެއްދުންތެރި ތަންތަަނަށް ހެދުމަށް ވަހިއްދީން މިހާރު ވެސް ގެންދަވަނީ ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. އެގޮތުން ބަނޑޮހުގައި އުފައްދަވާފައި ގުޑް ގަވާނެންސް އިންސްޓްޓިއުޓުން ކައުންސިލަރުންނަށް ތަމްރީނު ދިނުމުގެ ޕްރޮގްރާމްތައް ގަވައިދުން ހިންގަ އެވެ. އެފަދަ ތަމްރީނު ޕްރޮގްރާމެއް ނިންމުމުގެ ހަފުލާއެއް ރޭ ވެސް ބަނޑޮހުގައި އޮތެވެ.
ގާނޫނީ ދާއިރާ އާއި ސިޔާސީ ދާއިރާއިން ފެށިގެން ގޮސް ޖިސްމާނީ ދުޅަހެޔޮ ކަމަށް ދާންދެން އެކި ދާއިރާތައް ހިމެނޭ ގޮތުން ބާއްވާ އެ ޕްރޮގްރާމް ކާމިޔާބު ކަމަށް ގަބޫލުކުރެވެ އެވެ. ބައިވެރިން ވިދާޅުވަނީ އެ ޕްރޮގްރާމްގެ ސަބަބުން ނިޒާމުގެ ތެރެއަށް ލޯ ހުޅުވައިދޭ ކަމަށެވެ.
ތަމްރީނު ޕްރޮގްރާމްތައް ހިންގާތާ ދުވަސްތަކެއް ވިޔަސް ކައުންސިލްތައް އަދިވެސް އޮތީ ކުރިން ވެސް އޮތް ނިކަމެތި ހާލުގައި ކަަމަށް އެ ޕްރޮގްރާމްގައި ބައިވެރިވަޑައިގަންނަވާ ކައުންސިލަރުންނާއި ދެން ތިއްބެވި ކައުންސިލަރުން ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ.
"އަޅުގަނޑަކީ ޑީއާރްޕީއަށް ނިސްބަތްވާ ކައުންސިލަރެއް، ނަމަވެސް އަޅުގަނޑަށް ބުނެވެން އޮތީ ސިޔާސީ ގޮތުން ރާއްޖެއަށް އައި ބަދަލުގެ ސަބަބުން ކައުންސިލްތަކަށް އެއްވެސް ހެޔޮ ބަދަލެއް ނާދެއޭ. އަޅުގަނޑުމެން މިއުޅެނީ ހަމަ އޭރުވެސް އުޅުނު ހާލުގައޭ،" ގދ. ފިޔޯރީ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވި އެވެ.
ގއ. އަތޮޅުގެ އަތޮޅު ކައުންސިލްގެ މެމްބަރު އާމިރު އަލީ ވިދާޅުވީ ކައުންސިލްތަކުގެ އިހުތިސާސް މިހާރު ކަނޑައެޅިފައިވީ ނަމަވެސް އެ އިޚުތިސާސްގެ ތެރޭގައި ހިމެނޭ މުދާ އަދިވެސް ހުރީ ކައުންސިލްތަކަށް ނުލިބި އެވެ. އެފަދަ މުދާތައް ކައުންސިލްތަކާ ހަވާލުކޮށްފި ނަމަ އެ މުދާ ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ގާބިލުކަން ގދ. އަތޮޅުގެ ކައުންސިލްތަކުގައި އެބަހުރި ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.
"އެސެޓްތައް ދޫކޮށްފި ނަމަ އިންވެސްޓަރުން ހޯދައިގެން އެތަންތަނުން އާމްދަނީ ޖެނެރޭޓް ކުރުމުގެ ގާބިލުކަން ހަމަ ގައިމުވެސް ގއ. އަތޮޅުގެ ރަށްތަކުގެ ރަށު ކައުންސިލްތަކުގައި އެބަހުރި. ބައެއް ކައުންސިލްތަކުން މިހާރު ވަނީ އެފަދަ ޕްރޮޕޯސަލްތައް ވެސް ހަދާފައި،" އާމިރު ވިދާޅުވި އެވެ.
ނަމަވެސް އެކަންކަން އެހާ އަވަހަށް ހަމަޖެހިގެން ހިނގައިދާނެ ކަމަށް ކައުންސިލަރުން ގަބޫލެއް ނުކުރައްވަ އެވެ. ހަމަ އެހެންމެ އަތޮޅުތަކުގައި ހުރި ބިންތައް ކައުންސިލްތަކާ ހަވާލުކުރި ނަމަވެސް އެތަންތަން ބޭނުން ކުރެވޭނީ ކުލި ނަގާނެ އުސޫލުތަކެއް ވެސް ކަނޑައެޅިގެނެވެ. އެފަދަ ގިނަ ކަންކަން ހުރީ މުޅިން ހަމަނުޖެހި އެވެ.
ހައުސިން މިނިސްޓްރީން ލޯކަލް ކައުންސިލްތަކަށް ބިންތައް ދޫކުރަން މިހާރު މުޅިން ތައްޔާރުވެފައިވާ ކަމަށް ބުނަމުން އައި ނަމަވެސް ކައުންސިލަރުން ވިދާޅުވާ ފަދައިން ބިންތަކާއި އެހެނިހެން މުދާތައް ކައުންިސލްތަކުން ހަވާލުވެ އެތަންތަނުން އަދި މާބޮޑު އާމްދަނީއެއް ހޯދިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ ކުރިއަށް އޮތް މަދު ހަފުތާތަކެއްގެ ތެރޭގައި ކައުންސިލްގތަކާ ބިންތައް ހަވާލުކުރެވޭނެ ކަމަށް، ނަމަވެސް ކައުންސިލްތަކާ މިހާރު ހަވާލުކޮށްފައިވާ ބިންތަކުން ފެންނަނީ އެހާ ރަނގަޅު ނަތީޖާއެއް ނޫން،" ހައުންސިން މިިނިސްޓަރު ޑރ. އަހުމަދު މުއިއްޒު ވިދާޅުވިއެވެ.
ކައުންސިލަރުންގެ އަނެއް ޝަކުވާއަކީ ބަޖެޓްގައި ހިމެނޭ ފައިސާ ނުލިބި ދަތިވަމުން ދިއުމުގެ ޝަކުވާ އެވެ. ރާއްޖެއަށް ސިޔާސީ ގޮތުން ބަދަލެއް އައި ނަމަވެސް، އަދި ލާމަރުކަޒީ ނިޒާމުގެ ހިޔާލު ފާޅުކުރެއްވި ވަހިއްދީން މިހާރު ރާއްޖޭގެ ނައިބު ރައީސަކަށް ހުރި ނަމަވެސް ބައިވަރު ސަބަބުތަކާހުރެ، ކައުންސިލްތަކަށް ކުރިމަތިވެފިއވާ މައްސަލަ ހައްލެއް ނުވެއެވެ. ކައުންސިލްތައް އަދިވެސް އޮތީ ހާލުގަ އެވެ.