ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެކްޓަރުންގެ ތެރޭ ހިމެނޭ ސަލްމާން ޚާންއަށް 2022ވަނަ އަހަރުން ފެށިގެން ލިބެމުން އައި މަރުގެ އިންޒާރުތަކާ އެކު އާއިލާގެ ބައެއް މެންބަރުންގެ ސެކިއުރިޓީ ވަރުގަދަ ކޮށްދިނުމަށް ސަލްމާން ޚާން ފުލުހުން ގާތު އެދެފިއެވެ.

މުމްބާއީ ފުލުހުންގެ ގާތުން ސަލްމާން އެދިފައިވަނީ ކޮއްކޮ އަރުޕިތާގެ ފިރިމީހާ އަދި ބޮލީވުޑްގެ އެކްޓަރު އާޔުޝް ޝަރުމާގެ ސެކިއުރިޓީ އިހުނަށްވުރެ ވަރުގަދަ ކޮށްދިނުމަށެވެ.

ޒުވާން އެކްޓަރު އާޔުޝްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް ނިންމި ނިންމުމަކީ އާޔޫޝްގެ ކުރިއަށް އޮތް ފިލްމު "ރުސްލާން" ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނާތީ ނިންމި ނިންމުމެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ. ފިލްމު "ރުސްލާން" ރިލީޒް ކުރުމުގެ ކުރިން ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތަކަށް އާޔޫޝް އިންޑިއާގެ އެކި ހިސާބުތަކަށް ދަތުރުކުރަން ވަނީ ނިންމާފައެވެ.

އާޔުޝްގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކްޓަރުގެ އަމިއްލަ ސެކިއުރިޓީންގެ އިތުރުން މުމްބާއީގެ ފުލުހުން ވެސް ހަރަކާތްތެރިވާނެ ކަމަށް ސަލްމާންގެ އާއިލާއާ ހަވާލާދީ ރިޕޯޓުތަކުން ބުނެއެވެ. މީގެ އިތުރުން އާޔޫޝް ދަތުރުކުރުމަށް ބުލެޓް ފްރީ ވެހިކަލެއް ވެސް ސަލްމާންގެ ފަރާތުން އިންތިޒާމުކޮށްދީފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އާއިލާގެ މެންބަރުން އާއްމުން އެއްވެ އުޅޭ ތަންތަނަށް ދާއިރު މިފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އަޅާނެކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އެކްޓަރު އާޔުޝް ޝަރުމާ އަންހެނުން އަރުޕިތާއާ އެކު-- ފޮޓޯ/ ފޭސްބުކް
ޕަންޖާބަށް ނިސްބަތްވާ ނުރައްކާތެރި ގޭންގް ސްޓާ ލޯރެންސް ބިޝްނޯއީގެ ފަރާތުން 2022ވަނަ އަހަރުން ފެށިގެން ސަލްމާން ޚާން އަށާއި ބައްޕަ ސަލީމް ޚާންއަށް މަރުގެ އިންޒާރުތައް ވަނީ ލިބެން ފަށާފައެވެ. މި އިންޒާރުތަކާ ގުޅިގެން ސަލްމާން ވަނީ 2022 ވަނަ އަހަރުތެރޭ ހަތިޔާރު ގެންގުޅުމުގެ ހުއްދައަށް ވެސް މުމްބާއީގެ ފުލުހުންގެ ގާތު އެދިފައެވެ.

އަމިއްލަ ހަތިޔާރު ގެންގުޅުމުގެ ހުއްދަ ސަލްމާނަށް ފުލުހުން ދީފައިވާއިރު މިއީ އަމިއްލަ ދިފާއުގައި އަދި ފަރުދީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.