21 Feb 2024, 07:42
ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަންގެ ތިންވަނަ ފީޗާ ފިލްމު "ކަންބަޅި"ގެ ވަދާއީ ޝޯތައް ދައްކަން ފަށައިފިއެވެ.
މި މަހުގެ ފުރަތަމަ ދުވަހު ޕްރިމިއާ ކޮށްފައިވާ ފިލްމު ކަންބަޅިއަކީ ގިނަ ބަޔަކު ބަލައިގަތް ފިލްމަކަށް ވަނީ ވެފައެވެ. އެއާއެކު އެތައް ކާމިޔާބު ޝޯތަކަކަށް ފަހު މިހާރު ރެޑީ ވަމުން ދަނީ އޮލިމްޕަހުން ފިލްމު ނެގުމަށެވެ. ފިލްމުގެ ވަދާއީ ޝޯތައް މިހާރު ދައްކަމުން ދާއިރު މި ހަފުތާ ނިމުމާއެކު ފިލްމު ދެއްކުން ނިމިގެންދާނެއެވެ.
އޮލިމްޕަހުން ފިލްމު ދެއްކުން ހުއްޓާލުމަށްފަހު ދެން ފިލްމަށް ހަދާނެ ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެެވެ. ފިލްމު ޑިޖިޓަލްއަށް ނެރުމާ ގުޅޭގޮތުން އަދި ވަކި ގޮތެއް ވެސް ނިންމާފައެއް ނުވެއެވެ.
ފިލްމުގެ ވަދާއީ ޝޯތަކުގެ ބައެއް ސީޓުތައް މިވަގުތު ވެސް ހުސްކޮށް ހުރި އިރު މި ޝޯތަކަށް ބުކް ކުރުމުގެ ފުރުސަތު އޮތް ކަމަށް އައިފިލްމްސްއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން އައިފިލްމްސްއިން ހާމަކުރާ ގޮތުގައި 7242555 އަށް ގުޅާލައިގެން ނުވަތަ ވައިބާ އަދި ވަޓްސްއެޕް ބޭނުންކޮށްގެން ޓިކެޓް ބުކް ކޮށްލެވޭނެއެވެ.
އައިފިލްމްސްގެ ފުރަތަމަ ބިރުވެރި ފިލްމު ރިލީޒް ކުރި ނަމަވެސް މި ފަހަރު ވެސް އިއްލެގެ ސިގްނޭޗާ ރަހަތައް މި ފިލްމުގައި ހުރި ކަމަށް ބެލުންތެރިން ބުނެއެވެ. އެގޮތުން އިޖުތިމާއީ ބައެއް މައްސަލަތަކަށް މި ފިލްމުގައި ވެސް އަލިއަޅުވާލާފައިވާ ކަމަށް ބެލުންތެރިން ބުނެއެވެ.
ފިލްމުގެ ލީޑު ކާސްޓުގެ ގޮތުގައި ހިމެނެނީ އިއްލެގެ ހުރިހާ ފީޗާ ފިލްމުތަކުން ވެސް ލީޑުން ފެނިފައިވާ ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ. ފިލްމުގެ އިތުރު ރޯލުތަކުން ފެންނަނީ އަހުމަދު އިފްނާޒުގެ އިތުރުން ޝަރަފް އަބްދުﷲ އާއި ވާޝިޔާ މުހައްމަދުއާއި ރަވީ ފާރޫގާއި މުހައްމަދު އިޝްފާނާއި ހާޒިފް މުހައްމަދާއި މޫސާ އަލީފެވެ.
އިއްލެގެ އިތުރުން ފިލްމުގެ ޑައިރެކްޝަނުގައި އިފްނާޒް ހަރަކާތްތެރިވެއެވެ. ފިލްމްގެ ޕްރޮޑަކްޝަންގައި އިއްލެއާއި އާޝިމް އަލީ މަސައްކަތް ކުރިއެވެ. މި ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރީ "އޯކޭޒް އިންކް" އިންނެވެ.