01 Jun 2012, 23:31
ޕޮލެންޑަކީ އިގްތިސާދީ ގޮތުން ދުޅަހެޔޮ ގައުމެކެވެ. އެމީހުންގެ އެންމެ މަޝްހޫރު ކުޅިވަރަކީ ވެސް ފުޓްބޯޅަ އެވެ. ހާއްސަކޮށް ވޯލްޑް ކަޕްގެ ތިންވަނަ މަގާމު 1974 ވަނަ އަހަރާއި 1982 ވަނަ އަހަރު ލިބުމުން އެގައުމުގައި ފުޓްބޯޅަ އަށް ބޮޑު އަހަންމިއްޔަތު ކަމެއް ދިނެވެ. މިނޫނީ ވޯލްޑް ކަޕުގައި ފުރަތަމަ ބުރުން ވެސް ޕޮލެންޑް ފާސްވެފައެއްނުވެ އެވެ. އޮލިމްޕިކް ކުޅިވަރު މުބާރާތުގެ ޗެމްޕިއަން 1972 ވަނަ އަހަރު ހޯދުމަކީ ވެސް ޕޮލެންޑްގެ ހާއްސަ ކާމިޔާބީއެކެވެ. ނަމަވެސް ކޮލިފައިވެގެން ޕޮލެންޑް މިހާތަނަށް ކުޅުނު ހަމައެކަނި ޔޫރޯ އަކީ އެންމެ ފަހުން 2008 ވަނަ އަހަރު ބޭއްވި މުބާރާތެވެ.
މި ފަހަރުގެ ޔޫރޯގައި ޕޮލެންޑް ކުޅެނީ މުބާރާތް ބާއްވާ އެއްގައުމުގެ ގޮތުގަ އެވެ. ޔޫރޯ އަށް އޮޓެމެޓިކް ކޮލިފިލޭޝަނެއް ލިބިފައިވުމުން ޕޮލެންޑް ފާއިތުވެދިޔަ ދެއަހަރު ތެރޭގައި ވާދަވެރި މެޗެއް ކުޅެފައިނުވެ އެވެ. ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން އެމީހުން މޮޅުވީ އާޖެންޓީނާ އާއި އައިވަރީކޯސްޓް އަދި ނޯވޭ ފަދަ ޓީމުތައް އަތުންނެވެ. ޖަރުމަނާއި ގްރީސްއާކުޅެ އެއްވަރުވިއިރު ލިތުއޭނިޔާ އަތުން ބަލިވުމުން ޕޮލެންޑްގެ ކޮންސިސްޓެންސީއާމެދު ކުރިން ވެސް އުފެދުނު ސުވާލުތައް ވަނީ ތަކުރާރުކުރަން ޖެހިފަ އެވެ. ނަމަވެސް އަމިއްލަ ގައުމުގައި ގައުމުގެ ޝަރަފަށް އެންމެ ކުޑަމިނުން ކުއާޓާ ފައިނަލް ކުޅެން އެމީހުން ތިބީ އުއްމީދެއްގަ އެވެ.
ބޯލްކަން ގައުމުތަކަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން ގްރީސް އަކީ އެންމެ ބޮޑު އިކޮނޮމީ އޮތް ގައުމެވެ. 11 މިލިއަން މީހުން ދިރިއުޅޭ ގްރީސްއަކީ އެތަކެއް ހަނގުރާމައެއް ދެކެފައިވާ އަދި ޔޫރަޕުގެ މިޒަމާނުގެ ކުރިއެރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ބައެއް ވެދސްމެ އެވެ. ރާއްޖެ ފަދައިން ޓޫރިޒަމަކީ އެމީހުންގެ އިގްތިސާދުގެ މައިތަނބު ނަމަވެސް ފުޓްބޯޅައަކީ ގްރީސްގައި މީގެ ކުރިން އެހާ ވަރުގަދަ ކުޅިވަރެއްނޫނެވެ. ގްރީސްއަކީ އޮލިމްޕިކް ގޭމްސް ފެށިގެން އައިތަނެވެ. ނަމަވެސް ފުޓްބޯޅައަށްވުރެ ބޮޑަށް ބާސްކެޓުގައި މީގެ ކުރިން އެމީހުންގެ ވިދުންގަދަ އެވެ. ފުޓްބޯޅައިގައި ދުނިޔެ އަށް ގްރީސް އެނގެން ފެށީ ޕޯޗުގަލް ބަލިކޮށް 2004 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބު ކުރުމުންނެވެ. ޔޫރޯގައި ވާދަ ކުރި ދެ ވަނަ ފަހަރު އެމީހުން މިހޯދި ކާމިޔާބީ އަކީ ދުނިޔޭގެ ކުޅިވަރުގެ އާދަޔާ ހިލާފު ނަތީޖާއެކެވެ.
ސަބަބަކީ ގްރީސްގެ މިކާމިޔާބީގެ ކުރިން އެމީހުން ޔޫރޯގައި ކުޅުނީ 1980ވަނަ އަހަރު ކަމަށްވެފައި ވޯލްޑް ކަޕް ކުޅުނީ ވެސް 1994 ވަނަ އަހަރު އެކަނި ކަމަށްވުމެވެ. އެފަހަރު ގްރީސް ކެޓީ ގޯލެއް ވެސް ނުޖެހިއިރު އެއީ ވޯލްޑް ކަޕުގެ އެންމެ ދަށް ނަތީޖާ އެވެ. މިފަހަރުގެ ޔޫރޯ އަށް ގްރީސް ކޮލިފައިވީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. ކުޅުނު 10 މެޗުގެ ތެރެއިން ތިން މެޗު އެއްވަރުވި އިރު ބައިކޮޅަށް އެންމެ މަދުން ގޯލު ވަނީ ގްރީސް ކޮޅަށެވެ. އެއީ އެންމެ ފަސް ގޯލެވެ. އެމީހުން ޖެހި 14 ގޯލު ޖަހާފައިވަނީ 11 ކުޅުންތެރިއަކު ކަމަށްވުމުން ގްރީސްގެ ކާމިޔާބީއަކީ ޓީމް އެފަޓެއް ކަމާމެދު ޝައްކު ކުރެވޭނެ ޖާގައެއްނެތެވެ. ނަމަވެސް ގިނަ ގޯލު ޖަހާފައިވަނީ މެދުތެރެއަށް ކުޅޭ ކުޅުންތެރިންނަށް ވެފައި ގްރީސް މޮޅީ ހިލޭޖެހުންތަކާއި ކޯނަރުތަކަށް ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.
ރަޝިޔާއަކީ ފުޓްބޯޅައިގެ ބާރަކަށްނުވިޔަސް އެއީ ދުނިޔޭގެ ގަދަ ބާރެކެވެ. މަޝްހޫރު ޔޫއެސްއެސްއާރު އުވިދިއުމަށްފަހު ރަޝިޔާގެ ނަމުގައި ވާދަ ކުރާ މިގައުމަކީ ނިއުކްލިއާ ހަތިޔާރުހުރި މިޒަމާނުގެ ތަހުޒީބަށް ހޭނިފައިވާ ގައުމެކެވެ. އައިސްހޮކީ އާއި ބާސްކެޓްބޯޅަ އަދި ހޮކީ ފަދަ ކުޅިވަރުތަކުން ފެށިގެންގޮސް ފުޓްބޯޅައަކީ ރަޝިޔާގެ މަގުބޫލު ކުޅިވަރެކެވެ. އެމީހުން ވަނީ ޔޫރޯ ވެސް އެއްފަހަރު ހޯދާފަ އެވެ. އޮލިމްޕިކްސްގެ އެންމެ ގިނަ މެޑަލް ހޯދާފައިވާ ގައުމަކީ ވެސް ރަޝިޔާ އެވެ. އެމީހުންނަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ބާއްވާ ގައުމުވެސްމެ އެވެ.
މިފަހަރުގެ ކޮލިފައިންގައި ރަޝިޔާ ހިމެނުނީ އަޔަލޭންޑާއި އާމިނިއާ އަދި ސްލޮވާކިޔާ އާއި މެސެޑޯނިއާގެ އިތުރުން އެންޑޯރާ ހިމެނޭ ގްރޫޕުގަ އެވެ. މި ގްރޫޕުން ރަޝިޔާ ކުރި ހޯދީ ދެ ޕޮއިންޓުންނެވެ. ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބުކުރި އިރު ބަލިވީ ސްލޮވާކިޔާ އަތުން އެކަނި އެވެ. ކޮލިފައިންގައި ރަޝިޔާ ޓީމުން އެންމެ ގިނަ ގޯލު ޖެހީ އަލެން ޒަގޯވް އާއި ޕައުލެޗެންކޯ އެވެ.
ޔޫރަޕުގެ މެދުތެރޭގައި ބެދިފައި އޮތް ކުޑަކުޑަ ޗެކްރިޕްބަލިކްގެ އެއްވަނަ ކުޅިވަރަކީ ފުޓްބޯޅަ އާއި އައިސް ހޮކީ އެވެ. ޓެނިހަކީ ވެސް އެ ގައުމުގައި މަޝްހޫރު ކުޅިވަރެކެވެ. މަޝަހޫރު ޗެކްސްލޮވާކިޔާ އުވިދިއުމަށްފަހު އުފެދުނު ޗެކްރިޕަބްލިކަކީ 1976 ވަނަ އަހަރުގެ ޔޫރޯ ޗެމްޕިއަނުންނެވެ. ނަމަވެސް ޗެކްރިޕަބްލިކްގެ ނަމުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ 1996 ވަނަ އަހަރުގެ ޔޫރޯ ފައިނަލް ކުޅުމެވެ. މިނަމުގައި އެމީހުން ކޮންމެ ފަހަރަކު ވެސް ޔޫރޯ އަށް ކޮލިފައިވެ އެވެ. ނެޝަނަލް ސައިޑްގެ ވަނަމުން މަޝްހޫރުވެފައިވާ މިފަހަރުގެ ކޮލިފިކޭޝަނުގައި އެމީހުންނަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ޗެމްޕިއަން ސްޕޭން އަތުން ދެ ފަހަރު ބަލިވެ ކޮލިފިކޭޝަނުގެ ފުރަތަމަ މެޗުގައި އަމިއްލަ ގައުމުގައި ލިތުއޭނިއާ އަތުން ބަލިވުމުން މުބާރާތަށް ކޮލިފައިވާން ޖެހުނީ މޮންޓެރީގްރޯއާއެކު ޕްލޭއޯފް ކުޅެގެންނެވެ. ނަމަވެސް އެއީ ތަރިން ގިނަ ޓީމެކެވެ.