01 Jun 2012, 23:08
އަންނަ އަހަރު ބްރެޒިލްގައި އޮންނަ ފީފާ ކޮންފެޑަރޭޝަންސްކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ޖުމްލަ ހަ ސްޓޭޑިއަމް އެއްގައި ކަމަށް ފުޓްބޯޅައާ ބެހޭ މައިއިދާރާ (ފީފާ) އިން ބުނެފި އެވެ.
ފީފާގެ ސެކްރެޓަރީ ޖެނެރަލް ޖެކޯމް ވަލްކޭ އިއްޔެ ވިދާޅުވީ، އަންނަ އަހަރުގެ ޖޫންމަހުގެ 15 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކޮންފެޑަރޭޝަންސްކަޕް ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ބްރެޒިލްގެ ހަސްޓޭޑިއަމެއްގައި ކަމަށެވެ. އެގޮތުން އެ ހަ ސްޓޭޑިއަމް މުބާރާތް ފެށުމުގެ ކުރިން ނިންމަންޖެހޭ ކަމަށާއި އެގޮތުން މިހާރުވެސް ދެ ސްޓޭޑިއަމްގެ މަސައްކަތް ވަނީ ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށެވެ. އަދި ބޮޑަށް ނުނިމިހުރި އަނެއް ހަތަރު ސްޓޭޑިއަމްގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނައިރު، މުބާރާތް ފެށުމުގެ ދެމަސް ކުރިން އެސްޓޭޑިއަމްތަކުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް ޖެކޯމް ވިދާޅުވިއެވެ.
"މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ހަސްޓޭޑިއަމްއެއްގައި. މުބާރާތް ފެށުމުގެ ކުރިން ސްޓޭޑިއަމްތައް ނިންމާލެވޭނެ. މިހާރުވެސް ދެސްޓޭޑިއަމްގެ ބޮޑުބައި ވަނީ ނިމިފައި. ސްޓޭޑިއަމްތައް ބްރެޒިލްގެ އެކިއެކި ހިސާބްތަކަށް ވަނީ ބަހާލެވިފަ،" ޖެކޯމް ވިދާޅުވިއެވެ.
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބްރެޒީލިއާގެ މަނޭގަރިންޗާ ސްޓޭޑިއަމްގައި އޮންނައިރު މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައެވެ.
މުބާރާތުގެ މެޗްތަކުގެ ޓިކެޓް ވިއްކުމަށް ފީފާއިން ނިންމާފައިވަނީ އަންނަ ނޮވެންބަރު މަހުގެ ކުރީ ކޮޅެވެ.
ފިފާ ކޮންފެޑަރޭޝަންސް ކަޕަށް ބްރެޒިލްގައި ހަދާ ބައެއް ސްޓޭޑިއަމް ތަކަކީ 2014 ވަނަ އަހަރު އެ ގައުމުގައި އޮންނަ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވެސް ބޭނުން ކުރާނެ ސްޓޭޑިއަމް ތަކެއް ކަމަށް ބައެއް މީޑިއާ ރިޕޯޓް ތަކުންބުނެއެވެ.