20 Feb 2024, 15:33
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މި ވަގުތަށް ސިޓީތަކާއި އަތޮޅުތަކުގެ އިތުރުން ބޭރު ގައުމުތައް ހިމެނޭ ގޮތަށް ބެހެއްޓުމަށް އަދި ހަމަޖެހިފައި އޮތީ 593 ވޯޓު ފޮށި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާޢީލް ހަބީބް މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި ކުރިއަށް އޮތް މަޖިލިސް އިންތިޚާބާ ގުޅޭ ގޮތުން ވަމުންދާ ތައްޔާރީތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވަނީ ހިއްސާ ކޮށްފައެވެ.
ރާއްޖޭން ބޭރުގެ ގައުމުތަކުގައި ވޯޓު ފެށި ބެހެއްޓެނީ އެ ގައުމެއްގައި 150އަށްވުރެ ގިނަ ދިވެހީން ވޯޓުލުމަށް ރެޖިސްޓްރީވެފައިވާ ނަމައެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ހާމަކުރި ގޮތުގައި ބޭރު ގައުމުތަކުގެ ތެރެއިން ވޯޓު ފޮށި ބަހައްޓަނީ ސްރީ ލަންކާ އަދި މެލޭޝިޔާގައި އެކަންޏެވެ.
ރާއްޖޭގައި ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަންތަން:
27 ރިޒޯޓެއްގައި
- 5 ޖަލުގައި
- މާލޭގައި 181 ވޯޓުފޮށި
- ހުޅުމާލޭގައި 50 ވޯޓު ފޮށި
- ވިލިމާލޭގައި 9 ވޯޓު ފޮށި
- ސިޓީތަކާ އަތޮޅުތަކުގައި 319 ވޯޓު ފޮށި
މަޖިލިސް އިންތިޚާބާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވަމުން ހަބީބް ވިދާޅުވީ އީސީން ޝަކުވާ ހުށަހެޅުމުގެ ނިޒާމް ވެސް މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ. ޝަކުވާ ކޮމިޓީގައި ތިއްބަވާނީ ނެޝަނަލް ކޮމްޕްލެއިންޓްސް ބިއުރޯގެ ފަސް މެންބަރުންނެވެ.
މަޖިލިސް އިންތިޚާބާ ގުޅިގެން މިހާތަނަށް ހަތަރު ޝަކުވާއެއް ލިބިފައިވާއިރު، އޭގެ ތެރެއިން ދެ ޝަކުވާއަކީ ކެންޑިޑެސީއާއި ގުޅޭ ޝަކުވާތަކެއްކަން ވެސް ހަބީބް ހާމަ ކުރެއްވިއެވެ.
މި އިންތިޚާބާ ގުޅޭ ކޮރަޕްޝަނާ ގުޅޭ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން، އަދި ބްރޯޑްކާސްޓް ކުރުމާ ގުޅޭ މައްސަލަތައް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލައި ފިޔަވަޅު އަޅާނެއެވެ.
މަޖިލީސް އިންތިޚާބު ބާއްވަން ހަމަޖެހިފައި އޮތީ މާޗު 17 ގައެވެ. ރައްޔިތުންގެ މަޖިލީހުން، ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް ގާނޫނު އިސްލާހުކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާތަނަށް އެ ގާނޫނު ތަސްދީގުކުރައްވައިފައެއް ނުވެއެވެ.