އަންނަ ހުކުރު ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމުގެ ގޮތުން އިޒްރޭލާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗް 2-0 އިން ޖަރުމަނު ވިލާތް ކާމިޔާބު ކޮށްފި އެވެ.

ޖަރުމަންގެ އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި ޖަރުމަނުން އިޒުރޭލް ކޮޅަށް ޖެހި ފުރަތަމަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފޯވާޑް މާރިއޯ ގޯމޭޒްއެވެ. އަދި ދެ ވަނަ ލަނޑު 82 ވަނަ މިނެޓުގައި ޖަރުމަނަށް ކާމިޔާބު ކޮށްދިނީ ފޯވާޑް އަންދްރޭ ޝްރުލްއެވެ.

މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖަރުމަނު ލައްވާލައިފައި ވަނީ ގްރޫޕް ބީ ފަޅީގައެވެ. މި ގްރޫޕްގައި ޖަރުމަނާއެކު ދެންވާދަކުރާ އަނެއް ތިންޓީމަކީ ނެދަލޭންޑްސްއާއި، ޑެންމާކް އަދި ޕޯޗުގަލްއެވެ. އަދި މުބާރާތުގެ ފުރަތަމަ މެޗުގައި މިމަހުގެ ނުވަވަނަ ދުވަހު ޖަރުމަން ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.

ޖަރުމަނުން މިފަހަރުގެ މުބާރާތާ ކުރިމަތި ލާއިރު އެގައުމު ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ޔޫރޯ ކާމިޔާބު ކޮށްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ޔޫރޯ މުބާރާތެއް ޖަރުމަނަށް ކާމިޔާބު ކުރެވުނީ 1972 ވަނަ އަހަރު ބެލްޖިއަމްގައި ބޭއްވި މުބާރާތުގައި 3-0 ލަނޑުން ޔޫއެސްއެސްއާރުގެ މައްޗަށް ކުރި ހޯދައިގެން ނެވެ. ދެވަނަ ފަހަރަށް ޖަރުމަނުން ޔޫރޯ މުބާރާތް ކާމިޔާބު ކޮށްފައިވަނީ 1980 ވަނަ އަހަރު 1-2 ބެލްޒިއަމް އަތުން މޮޅުވެގެންނެވެ. އަދި ތިން ވަނަ ފަހަރަށް ޖަރުމަނުން ޔޫރޫ މުބާރާތް ކާމިޔާބު ކުރީ 1996 ވަނަ އަހަރު އިންގްލޭންޑުގައި ބެއްވި މުބާރާތުގައި ޗެކްރިޕްބްލިކްއާ ވަދަކޮށް 2-1 ލަނޑުން ކުރި ހޯދައިގެންނެވެ.

ބައެއް މީޑިއާ ރިޕޯޓް ތަކުން ބުނާގޮތުން، މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އެންމެ ވަރުގަދަވާނެކަމަށް ބެލެވޭ ޓީމްތައް ޖަރުމަނާއެކު ގްރޫޕްބީ ފަޅީގައި ހިމެނޭއިރު، މިގްރޫޕްގައި ހިމެނޭ ޑެންމާކާއި ނެދަލެންޑްސް، ވެސް ވަނީ މީގެ ކުރިން އެއްފަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކޮށްފައެވެ. އެހެން ނަމަވެސް މިގްރޫޕްގައި ހިމެނޭ ޕޯޗުގަލްއަށް އަދި ޔޫރޯ ފުޓްބޯޅަ މުބާރާތެއް ކާމިޔާބު ކުރެވިފައި ނުވާއިރު، ޕޯޗިގަލްއިން ވަނީ 2008 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުއާޓާފައިނަލުގައި ޖަރުމަނު އަތުން 3-2 ލަނޑުން ބަލިވެފަ އެވެ. އެފަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައި ވަނީ އެންމެ ފަހުގެ ވޯލްޑް ކަޕުގެ ޗެމްޕިއަން ސްޕެއިންނެވެ.