12:35


ހިއުމަން ރައިޓްސް ކޮމިޝަނަށް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްހާ މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުއްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނުގައި ބުނެފައިވާ ކަންތައްތައް ފުރިހަމަވާ ގޮތަށް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.


ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރުން ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި އަށް ނަމުގެ ތެރެއިން ތިން ނަމެއް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވާއިރު، އެ ނަންތައް ދިރާސާކުރި ކޮމިޓީގައި ވެސް ހިމެނިވަޑައިގެންނެވި ގާސިމް އިބްރާހިމް ވިދާޅުވީ، ގާނޫނީ ދާއިރާގެ މީހަކާއި ދީނީ ދާއިރާއިން މަސައްކަތްކުރާ ބޭފުޅެއްގެ އިތުރުން އިގްތިސާދީ ދާއިރާގެ ވިސްނުމާއި ފިކުރު ހުރި މީހަކު ކޮމިޝަންގައި ހިމެނުމަށް ގާނޫނުގައި ބާރުއަޅާފައިވާ ކަމަށެވެ. ނަމަވެސް ނަންތައް ދިރާސާކުރި އިރު ނަންތައް ފޮނުއްވާފައި ހުރި އެފަދަ ގޮތަކަށް ނޫން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.  އަދި ރައްޔިތުންގެ މަޖިލީހަށް ނަންތައް ފޮނުވަން ޖެހޭނީ، ގާނޫނާ އެއްގޮތަށް ކަމަށާއި އެހެންނޫން ނަމަ އެކަން ވެގެންދާނީ ވަކި ބަޔަކަށް ފުރުސަތު ފަހިކޮށްދިނުމަށް ހުށަހެޅޭ ހުށަހެޅުންތަކަކަށް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.