20 Feb 2024, 12:31
ކުރިޔަށް މި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި, ލޯފަން މީހުންނަށް ޚާއްސަ ވޯޓުލާ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް 56 މީހަކު މިހާތަނަށް ރެޖިސްޓްރީ ކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ގައުމީ ލަފާދޭ ކޮމިޓީގެ ބައްދަލުވުމުގައި އިންތިހާބާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން އީސީގެ ނައިބު ރައީސް އިސްމާޢީލް ހަބީބް ވިދާޅުވީ ލޯފަން މީހުން ވޯޓުލާއިރު ބޭނުންކުރާ ޓެމްޕްލޭޓްގެ އެހީގައި ވޯޓުލުމަށްޓަކައި އެ ކޮމިޝަނުގެ ހޮޓްލައިން 1414އަށް ގުޅައި ރެޖިސްޓާ ކުރަން ޖެހޭނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުގެ ހޮޓްލައިނުން ހިދުމަތް ލިބޭ ގަޑިތައް:
ރަސްމީ ދުވަސްދުވަހުގެ ހެނދުނު 08:00އިން ރޭގަނޑު 22:00އަށް
- ހުކުރު ދުވަހު ހަވީރު 15:00އިން އިރުއޮއްސި 18:00އަށް
- ރަސްމީ ބަންދު ދުވަސް ދުވަހު ހެނދުނު 09:00އިން ރޭގަނޑު 22:00އަށް
މި ކަމާ ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރައްވަމުން ހަބީބް ވިދާޅުވީ އީސީއިން ނިންމާފައި ވަނީ ރާއްޖޭގެ ހުރިހާ ރަށެެއްގައި ވެސް ޓެމްޕްލޭޓް ބޭނުން ކޮށްގެން ވޯޓުލާން ބޭނުންފުޅުވާ ބޭފުޅުންނަށް އެކަމުގެ ތަމްރީނު ދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެން މި މަހުގެ ފަހުކޮޅުގައި އަތޮޅުތަކުގައި އަދި މާލޭގަ ޓްރެއިނިން އެބަ ބާއްވަން،" ހަބީބް ވިދާޅުވިއެވެ.
ޓެމްޕްލޭޓް ބޭނުން ކޮށްގެން ވޯޓްލާން ބޭނުންފުޅުވާ ފަރާތްތަކުން ރެޖިސްޓްރީ ކުރަން ޖެހޭއިރު، ރެޖިސްޓްރީ ނުކުރާ ފަރާތްތަކަށް ފުރުސަތެއް ދެވެން އޮތް ނަމަ އެ ފުރުސަތެއް ވެސް ދެއްވާނެ ކަމަށް ހަބީބް ވިދާޅުވިއެވެ.
ލޯފަން މީހުންނަށް ހާއްސަ ވޯޓުލާ ޓެމްޕްލޭޓް ބޭނުން ކޮށްގެން ރާއްޖޭގައި އެންމެ ފުރަތަމަ ވޯޓުލާފައިވަނީ 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 45 މީހުން އަދި ދެވަނަ ބުރުގައި 47 ލޯފަން މީހުން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލާފައިވެއެވެ.