20 Feb 2024, 11:37
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްގެ ގޮތުގައި މިހާރު ހުންނެވި އިސްމާއިލް ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވާތީ، އެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި ކުރިމަތިލީ ބޭފުޅުންގެ ތެރެއިން އެ މަގާމަށް މިހާރު އީސީގެ ސެކެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަންކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނަން ފޮނުއްވައިފިއެވެ.
ހަބީބުގެ މެންބަރުކަމުގެ ދައުރު ހަމަވަނީ މާޗު މަހުގެ 13 ވަނަ ދުވަހުއެވެ.
އެހެންވެ، މެންބަރުކަމަށް ކުރިމަތިލާން އާންމުކޮށް އިއުލާނުކުރުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް މުއިއްޒަށް ފެނިވަޑައިގެން ބޭފުޅާގެ ނަން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީފުޅެއްގައި ވަނީ އީސީގެ މެންބަރުކަމަށް މިހާރު، އެ ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޒަކަރިއްޔާ އައްޔަންކުރަން ނަން ފޮނުއްވައިފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވަނީ ޒަކަރިއްޔާގެ ނަން ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވައިފައެވެ.
އީސީގެ ނައިބު ރައީސްކަމުގައި ހުންނެވި ހަބީބް އެ ކޮމިޝަންގެ މެންބަރުކަން ކުރައްވާތާ މިއީ ދެވަނަ ދައުރެވެ. އެހެންވެ، ގާނޫނު ބުނާ ގޮތަށް އޭނާއަށް އިތުރު ދައުރެއް އަދައެއް ނުކުރެވޭނެއެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު ވެސް މިހާރު އެ ހުންނެވީ ދެވަނަ ދައުރެއްގައެވެ. އޭނާގެ ދައުރު ހަމަވާނީ ނޮވެމްބަރު މަހުއެވެ.