ރައީސް ނަޝީދު ކުރިއަށް ހުންނަވައިގެން އަވަސް އިންތިހާބަކަށް ގޮވާލައި އެމްޑީޕީން މިއަދުވެސް މާލޭގެ މަގުތަކުގައި ހިނގާލައިފި އެވެ.

މިފަހަކަށް އައިސް އެމްޑީޕީން ކޮންމެ ހުކުރު ދުވަހަކު "ކޮމަންވެލްތާ އެކު ދިވެހިން"ގެ ނަމުގައި ބާއްވާ އެއްވުން ފެށީ މިއަދު ހަވީރު 5:00 ޖަހާކަންހާއިރު އެމްޑީޕީގެ މުޒާހަރާ މައިދާން އުސް ފަސްގަނޑު ސަރަހައްދުންނެވެ. ރައީސް ނަޝީދާ އެކު މުޒާހަރާގެ އެންމެ ކުރީގައި ތިއްބެވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އާއި އެމްޑީޕީ އިސްވެރިންގެ އިތުރުން މަޖިލީހުގެ ބައެއް މެމްބަރުންނެވެ.

މާލޭގެ ބޮޑެތި މަގުތަކުގައި ކުރިއަށް ގެންދިޔަ ހިނގާލުމުގައި ސަރުކާރަކީ ބަޣާވާތަކުން އައިސްފައިވާ ސަރުކާރެއްކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ސަރުކާރުގެ އިސްވެރިން އިސްތިއުފާދީ އަވަހަށް އިންތިހާބު ބޭއްވުމަށް އަޑުއުފުލި އެވެ.

އެމްޑީޕީއަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ މީހުން ބައިވެރިވި މިހިނގާލުމުގައި ފުރަތަމަ ނުކުތީ މަޖީދީމަގަށެވެ. އެއަށް ފަހު ސޯސަންމަގުން އުތުރަށްގޮސް މެދުޒިޔާރަތްމަގުން މަޖީދީމަގަށް ނުކުމެ ހިގާލުން ނިންމާލައިފައި ވަނީ އިރުއޮއްސުނު ވަގުތު އުސްފަސްގަނޑަ ށެވެ.

އެމްޑީޕީގެ މިއަދުގެ ހިނގާލުމުގައި ވެސް ވަނީ ރައީސް ޑރ. ވަހީދަށް މަލާމާތްކުރުމުގެ ގޮތުން ކާޅު އަޑުލައްވައި ހަދައިފަ އެވެ. އަދި ބައެއް މީހުން ވަނީ ކާޅެއްގައިވާ ޖަހައިގެން އެއީ ރައީސް ޑރ. ވަހީދުކަމަށް ނިސްބަތްކޮށް މަލާމާތްކޮށް ވެސް ހަދާފަ އެވެ.

ހަމަނުޖެހުމެއް ނުހިނގާ ނިންމާލި މި ހިނގާލުމުގައި މިހާރުގެ ޑިފެންސް މިނިސްޓަރު ދިރިއުޅުއްވާ ގެކައިރިއަށް މަޑުކޮށް ޝުއޫރުފާޅުކޮށް ހަދާފައިވެ އެވެ. އަދި ހިނގާލުމުގެ ބައިވެރިން ވަނީ އެ ވަގުތު މަގުމަތީގެ ސެކުރިޓީ ބަލަހައްޓަން ތިބި ފުލުހުނާއި ދިމާއަށް "ބާޣީ" އަށް ގޮވައިހަދައިފަ އެވެ.