ރާއްޖޭގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުމަށް ކުރިމަތިވެފައި ހުރި މައްސަލަތަކުގެ ލިސްޓެއް އެކުލަވާލައި އެ ލިސްޓުގައި ހުރި ކަންކަމަށް މިރޭ މަޝްވަރާކުރަން ޝެޑިއުލްކޮށް އޯލްޕާޓީ ޓޯކްސްގެ މިއަދުގެ ސެޝަނުން ނިންމާލައިފި އެވެ.

ރެ އިން ފެށިގެން މާދަމާގެ ނިޔަލަށް ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވާ މަޝްވަރާތަކުގައ މިއަދުގެ ބައްދަލުވުން އޮތީ މިއަދު 2:00 އިން 5:30 އަށެވެ. ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި މިއަދުގެ ސެޝަންގައި ވެސް މަޝްވަރާ ކުރީ ރޭ ވެސް މަޝްވަރާކޮށް އެއްބަސްވުމަކަށް ނާދެވުނު ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރާނެ ގޮތަކާ މެދު އެވެ.

ރޭގެ މަޝްވަރާތައް ފަނުފުލުން ދިޔަ ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ޕާޓީތަކުން ވަނީ ހަމަނުޖެހުންތައް ހައްލުކުރަން ހުރި ހުރަސްތަކުގެ ލިސްޓެއް އެކުލަވާލުމަށް އެއްބަސްވެ، ކޮންމެ ޕާޓީއަކަށް ވެސް ފާހަގަ ކުރެވޭ މައްސަލަތަކެއް ވިލަރެސް ވެރިޔާ އަށް ހުށަހަޅުއްވާފައި ކަމަށް މައުލޫމާތުލިބެ އެވެ. ޖުމްލަ 15 ވަރަކަށް މައްސަލައެއް ޕާޓީތަކުން ފާހަގަކޮށްފައިވާ ކަމަށް ވެސްވެ އެވެ. އޭގެ ތެރޭގައި އުސްފަސްގަނޑުގެ މައްސަލަ އާއި ކާޅުކޮށީގެ މައްސަލަ އަދި ސިހުރު ހާހޫރުގެ މައްސަލަ ފަދަ ބައެއް މައްސަލަތައް ހިމެނޭ ކަމަށްވެ އެވެ.

ނަމަވެސް އެ މައްސަލަތަކުގެ ލިސްޓް ވިލަރެސްވެރިޔާ އެކުލަވާލެއްވި ކަމެއް އެނގިފައެއްނުވެ އެވެ. އެވާހަކަތައް ކުރިއަށް ގެންދަނީ ކްލޯޒްކޮށްގެން ކަމަށް ވުމުން އެ ވާހަކަތަކާ ގުޅޭ ގޮތުން ވިލަރެސް ވެރިޔާ ވެސް އަދި ވާހަތަކުގެ ސެކްރެޓޭރިއަޓުން ވެސް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ރޭގެ ބައްދަލުވުން ކުޑަކޮށް ހޫނުކޮށް ދިޔަ ނަމަވެސް މިއަދުގެ ބައްދަލުވުން ދިޔައީ ވަރަށް އެކުވެރިކޮށް ސުލްހަވެރި ޖައްވެއްގަ އެވެ. ނަމަވެސް އެހެން ޖަލްސާތަކާ ހިލާފަށް މަޝްވަރާތައް ކުރިއަށްދާ ހޯލަށް މޯބައިލް ފޯނު ފަދަ އެއްޗެތި ވެއްދުން އޮތީ މަނާކޮށްފަ އެވެ. އެކަން އެގޮތަށް ކުރީ ހުރިހާ ޕާޓީއަކުން އެއްބަސްވެގެން ކަން ވެސް ވަނީ އެނިގަފަ އެވެ. އަދި މީޑިއާ އަށް ހުޅުވާލައިގެން ވާހަކަތައް ކުރިއަށް ގެންދިޔުމަށް ބައެއް ބޭފުޅުން ހުށަހެޅުއްވި ކަމަށްވެ އެވެ. ނަމަވެސް އެކަމަށް ގިނަ ޕާޓީތަކުން އެއްބަހެއްނުވެ އެވެ.

މިރޭގެ ސެޝަން ފެށޭނީ މިރޭ 9:00 ޖަހާއިރު އެވެ. އެ ބައްދަލުވުމުގައި މިއަދު އެކުލަވާލި ލިސްޓުގައި ހިމެނޭ މައްސަލަތަކުގެ މައްޗަށް މަޝްވަރާކުރުން އޮންނާނެ އެވެ. ބަނޑޮހުގައި ކުރިއަށްދާ މަޝްވަރާތައް ނިމޭނީ މާދަމާ ހެނދުނު އެވެ.