20 Feb 2024, 06:13
އެމޭޒަމް ޕްރައިމްއިން ގެނެސްދިން "ދަ ފެމިލީ މޭން"ގެ ރޯލަކުން ގިނަ ބައެއްގެ ލޮލުގައި އަޅައިގަތް ތެލުގޫ ބަތަލާއަށް ބޮލީވުޑުން ލިބެމުން އަންނަ ފުރުސަތުތަކާ އެކު ކުރިއަށްއޮތްތާ ހިންދީ ސިނަމާގެ ގިނަ ފިލްމުތަކުން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ބަތަލާ ބުނެފިއެވެ.
އެމޭޒަންގެ އެންމެ ކާމިޔާބު ވެބް ސީރީސްގެ ތެރޭ ހިމެނޭ "ދަ ފެމިލީ މޭން"ގެ ދެ ސީޒަނަށް ފަހު ދެން ޕްރިޔާ ފެނުނީ މިދިޔަ އަހަރު ރިލީޒް ކުރި ފިލްމު "ޖަވާން"އިންނެވެ.
ޑައިރެކްޓަރު އެޓްލީގެ ފިލްމު "ޖަވާން"ގެ ރޯލަކަށް ބަތަލާ އެއްބަސްވި ހަމައެކަނި ސަބަބަކީ އެކްޓަރު ޝާހްރުކް ޚާންއާ އެކު ސްކްރީން މަސައްކަތް ކޮށްލުމުގެ އަގުހުރި ފުރުސަތު ދޫކޮށްނުލާން ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ފިލްމު "ޖަވާން"ގައި ޕްރިޔާ ކުޅުނު ރޯލް ކުޑަ ނަމަވެސް ހިންދީ ސިނަމާއަށް ލޯބިކުރާ މީހުންގެ ފަރާތުން ލިބުނު ތަރުހީބާ އެކު އޭނާ ބޭނުންވީ ބޮލީވުޑްގެ އަޖުމަ އިތުރަށް ބަލާލުމަށެވެ. އިންޑިއާގެ ތަފާތު އެކި ބަހުރުވަތަކަށް ފަރިތަ ބަތަލާ ފުރުސަތަކަށް ބަލަބަލާ ހުއްޓާ ބޮލީވުޑްގެ އިތުރު ދެ ފިލްމަކުން ޕްރިޔާއަށް ވަނީ ފުރުސަތު ލިބިފައެވެ. އެއީ، މި މަހުގެ 23ގައި ސިނަމާތަކަށް އަންނަ ފިލްމު "އާޓިކަލް 370" އަދި މި އަހަރުގެ އޭޕްރިލް މަހުގެތެރޭ ރިލީޒް ކުރުމަށް ތާވަލު ކުރެވިފައިވާ ފިލްމު "މައިދާން"އެވެ. މި ދެ ފިލްމަކީ ވެސް ވަރަށް ބޮޑު ދެ ޕްރޮޑަކްޝަން ކުންފުނީގެ ދެ ފިލްމެވެ.
ހަމައެއާއެކު ފިލްމުގައި ޕްރިޔާއާ އެކު މަސައްކަތް ކޮށްފައިވަނީ ބޮލީވުޑްގައި މި ވަގުތު ތިބި އެންމެ ތަޖުރިބާކާރު ފިލްމީ ތަރިންނެވެ.

ޕްރިޔާ "ދަ ފެމިލީ މޭން"ގެ މަންޒަރެއްގައި-- ފޮޓޯ/ ދަ ޓެލެގްރާފް އިންޑިއާ
ފިލްމީ ޚަބަރުތައް ގެނެސްދޭ ދަޓެލެގްރާފަށް ދިން އިންޓަވިއުގައި ޕްރިޔާ ބުނެފައިވަނީ ސައުތު ސިނަމާއިން ބޭރު އިންޑަސްޓްރީއަކުން ފުރުސަތު ލިބުމަކީ ވަރަށް އުފާވެރި އިހުސާސެއް ކުރެވޭ ކަމެއްކަމަށެވެ. ޕްރިޔާގެ މަސައްކަތް އެހެން މީހުން ބަލައިގަނެފައިވާ މިންވަރު އެކަމުން އެނގޭ ކަމަށާއި އެހެން މީހުން ބަތަލާގެ މަސައްކަތަށް އިތުބާރު ކުރާ މިންވަރު އެނގިގެންދާ ކަމަށް ޕްރިޔާ ވަނީ ބުނެފައެވެ.
ފިލްމު "މައިދާން"އަށް ފަހު ބަތަލާ ދެން އެންމެ އަވަހަށް މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަނީ އެމޭޒަންގެ ވެބް ސީރީސް "ދަ ފެމިލީ މޭން"ގެ ތިންވަނަ ސީޒަންއަށެވެ.