އަންނަ ހޯމަ ދުވަހު އައްޑޫ ސިޓީގައި ފަށާ 17 ވަނަ "ޑެއިލީ މިލްކް އެޓޯލް އިންޓަ ސުކޫލް" އެތުލެޓިކްސް މީޓުގައި ޖުމްލަ 20 ސުކޫލަކުން ބައިވެރިވެފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން ބުނެފި އެވެ.

އެތްލެޓިކްސް އެސޯސިއޭޝަންގެ ކުރިޔަށް އޮތް ދައުރުގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވާ މުޙައްމަދު ތޮލާލް މިއަދު ވިދާޅުވީ، އަންނަ ހޯމަ ދުވަހު މުބާރާތް އައްޑޫ ސިޓީގައި ފެށުމަށް ނިންމާފައިވާ އިރު، މުބާރާތުގައި ޖުމްލަ 20 ސްކޫލް ބައިވެރިވެފައިވާ ކަމަށެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާ ބައެއް ސުކޫލްތަކަކީ ފުވައްމުލަކުގެ ހަތަރު ސްކޫލާއި ގދ. ތިނަދޫ އަބޫބަކުރު ސްކޫލާއި އައްޑޫގެ ހުރިހާ ސްކޫލެއްގެ އިތުރުން މާލޭގެ ތާޖުއްދީން ސްކޫލެވެ. އެކަމަކު މަޖީދިއްޔާ ސުކޫލާއި ދަރުމަވަންތަ ސްކޫޅުން ވެސް ވަކިވަކި އިންޑިވިޖުއަލް އެތުލީޓުންގެ ގޮތުގައި ބައިވެރިވާ ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.

"މުބާރާތުގައި ބައިވެރިވާ ސްކޫލްތައް މިފަހްތާތެރޭ އައްޑު އަށް ދާނެ. މިއީ މިހާތަނަށް އެންމެ ގިނަ ސްކޫލް ބައިވެރިވާ ފަހަރު. އެހެން އަހަރުތަކަށް ވުރެ މިފަހަރުގެ މުބާރާތް ފުރިހަމަ ވާނެ. މުބާރާތް އައްޑޫގައި ބާއްވަނީ އެ ސިޓީގެ ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެއްބާރުލުމަކާ އެކު. އަދި އައްޑޫ ސިޓީގެ ރައްޔިތުންގެ ފަރާތުން ވެސް މުބާރާތް ކުރިއަށް ގެންދިއުމުގައި އަންނަނީ ވަރަށް ބޮޑު އެއްބާރުލުމެއް ދެމުން،" އައްޑޫ ސިޓީގައި ހުންނަވައި ސަން އޮންލައިނާ ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވި އެވެ.

ސަންއަށް މައުލޫމާތު ލިބިފައިވާ ގޮތުން މުބާރާތުގައި ވާދަކުރާ މާލޭގެ ތާޖުއްދީން ސްކޫލުގެ ޓީމް މާދަމާ ރޭ އައްޑޫ އަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އެ ޓީމުގައި ޖުމްލަ ހަ އެތުލީޓަކު ބައިވެރިވެ އެވެ. ތާޖުއްދީން ސްކޫލް މުބާރާތުގައި ވާދަކުރަނީ 15 އަހަރުން ދަށުގެ އުމުރު ފުރާގައެވެ. އަދި ތާޖުއްދީން ސްކޫލް ޓީމުގެ ކޯޗަކީ އަބްދުﷲ އިބުރާހިމް އެވެ.

މި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ސްޕޮންސާކޮށްފައި ވަނީ ގްލޯބަލް ލިންކްސްގެ ފަރާތުން ނެވެ.