19 Feb 2024, 15:14
މީހެއްގެ އެކައުންޓުން ފޭރިގެން 1.8 މިލިއަން ރުފިޔާ ފޭރިގެން މައްސަލައެއްގައި ތުހުމަތުވާ ތިން މީހަކު ހައްޔަރުކޮށް، އެ މައްސަލައިގައި ހިމެނޭ 98 އިންސައްތަ ފައިސާ ހޯދާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ އިކޮނަމިކް ކްރައިމްސް ޑިޕާޓްމަންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، 1.8 މިލިއަން ރުފިޔާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމުން އެ މައްސަލައިގައި ހިމެނޭ ފައިސާގެ ތެރެއިން 98 އިންސައްތަ ފައިސާ އިޔާދަކުރެވިފައިވާ ކަމަށެވެ.
އެ މައްސަލައިގައި ޖުމުލަ ހަތަރު މީހަކަށް ތުހުމަތުވެއެވެ. އެއީ، 24 އަހަރުގެ ފިހެނަކާއި އަންހެނެއްގެ އިތުރުން، 23 އަހަރުގެ ފިރިހެނެކެވެ. ދެން، ތުހުމަތުވަނީ 16 އަހަރުގެ ކުއްޖަކަށެވެ. ކުޑަކުއްޖާ ނޫން ދެން ތިބި މީހުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ.
މައްސަލައިގެ ތަފުސީލު ހިއްސާކުރަމުން އިންސްޕެކްޓަރު އޮފް ޕޮލިސް މަރިޔަމް ރަޝީދާ ވިދާޅުވީ، އިސްލާމިކް ބޭންކުގައި ހުރި އެކައުންޓުން ޖުމުލަ 1.8 މިލިއަން ރުފިޔާ ފޭރިގެންފައިވާ ކަމަށެވެ. އޭގެ ތެރެއިން ޖުމުލަ 1.6 މިލިއަން ރުފިޔާ މިހާރު ވަނީ ހޯދިފައެވެ.
އެ ފައިސާ ފުލުހުން އިޔާދަކޮށްފައިވަނީ 48 ގަޑިއިރު ތެރޭގައެވެ.
މަރިޔަމް ވިދާޅުވީ، ފައިސާ ފޭރުމަށް ފަހު ދެ ލައްކަ ރުފިޔާއަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ގަނެފައި ހުއްޓާ އަތުލައިގެންފައިވާ ކަމަށެވެ. އަދި، އެކައުންޓުތަކުގައި ހުރި ފައިސާއާއި ތުހުމަތުވާ މީހުން ދިރިއުޅުނު ތަނުން ހޯދި ފައިސާއާ އެކު ޖުމުލަ 1.67 މިލިއަން ރުފިޔާ ރިކަވާ ކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނީ، މި މައްސަލައިގައި ހިމެނޭ ފައިސާ ތުހުމަތުވާ ތިން މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ.
އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައިގެންނާއި އެހެން އެކައުންޓުތަކަށް ޖަމާކޮށްގެން އަދި އެކިއެކި އެއްޗެހި ގަނެގެން ވެސް ތަފާތު ގޮތްގޮތަށް ބޭނުންކޮށްފައިވާކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.
މައްސަލައިގައި ހައްޔަރުކޮށްފައިވާ ތިން މީހުންގެ މައްސަލަައިގައި ދައުވާކުރަން ފޮނުވާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.