01 Jun 2012, 17:51
ދިރާގު ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ކުޅުން ނިމުނުއިރު ނިއު އެއްވަނަ ޔަގީންކުރި އިރު ޗެމްޕިއަން ވީބީ ގަދަ ހަޔަކުން ކަޓައިފި އެވެ.
ކޮންމެ ޓީމެއް ހަތް މެޗު ކުޅުނު އިރު މި ސީޒަނުގައި މޮޅު ކުޅުންތެރިންނާއެކު ކުޅެމުން އަންނަ ނިއު އެއްވަނަ ހޯދީ ޖުމުލަ 17 ޕޮއިންޓާއެކުގަ އެވެ. އެ ޓީމާ އެންމެ ގާތުން ވާދަ ކުރާ ވިކްޓަރީ އަށް ދެ ވަނަ ލިބެނީ 16 ޕޮއިންޓާއެކުގަ އެވެ.
ފުރަތަމަ ބުރުން އެންމެ ހައިރާންކުރުވަނިވި ނަތީޖާ އެއް ލިބުނީ ފާއިތުވެދިޔަ ތިން އަހަރުގެ ޗެމްޕިއަން ވީބީ އަށެވެ. އެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ، ތިން މެޗު އެއްވަރުވެ އީގަލްސް އަތުން ހޯދި މޮޅާއެކު ލިބެނީ އަށް ޓީމު ވާދކުރާ ލީގު ތާވަލުގެ ހަތްވަނަ މަގާމެވެ. އެއީ ހަ ޕޮއިންޓާއެކުގަ އެވެ. މިއީ ޗެމްޕިއަން ޓީމެއް މިހާ ފަހަތަށްދިޔަ ފުރަތަމަ ފަހަރެވެ. ފުރަތަމަ ބުރުގެ ފަހު މެޗުގައި މިއަދު ވީބީ ބަލިވީ ވިކްޓަރީ އަތުން 2-1 އިންނެވެ.
ލީގުގެ ތިން ވަނަ ލިބުނީ އީގަލްސް އަށެވެ. އެ ޓީމަށް 11 ޕޮއިންޓް ލިބިފައިވާއިރު މާޒިޔާ ހަތަރު ވަނާގައި ވަނީ 10 ޕޮއިންޓާއެކުގަ އެވެ. ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު ކަމަށްވާ ވެލެންސިއާ ފަސް ވަނާގައިވަނީ ހަތް ޕޮއިންޓާއެކުގަ އެވެ.
ވިޔަންސާ އަށް ވީބީއާ އެއްއަދަދަކަށް ޕޮއިންޓް ލިބުނު ނަމަވެސް ހަވަން ލިބެނީ ވީބީ އަށްވުރެ ގެއްލުން ގޯލު މަދުވުމުންނެވެ. ވިޔަންސާ އަށް ގެއްލުން އެއް ގޯލުވާއިރު ވީބީ އަށް ގެއްލުން ދެ ގޯލު އެބައޮތެވެ. ލީގު ތާވަލުގެ ފުލުގައި ވަނީ ހަތަރު ޕޮއިންޓާއެކު އޭވައިއެލް އެވެ.