19 Feb 2024, 09:59
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދައިގެ ފަހަށް ފަސްކުރުމަށް މަޖިލީހުން ފާސްކުރި ބިލް ވަގުތުން ތަސްދީޤުކުރަންޖެހޭ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލިސް އިންތިޚާބު ބާއްވަން އަދި ހަމަޖެހިފައި އޮތީ ރޯދަ މަހުގެ ތެރޭގައި މި އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން މި މަހުގެ 11 ވަނަ ދުވަހު ވަނީ މަޖިލީސް އިންތިޚާބު ރޯދަ މަސް ނިމި، 10 ދުވަސް ފަހުން ބާއްވާ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ފާސްކޮށްފައެވެ.
އެ ނިންމުމަށް އަމަލު ކުރަން ފެށޭނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ބިލް ތަސްދީޤުކުރެއްވުމުންނެވެ. މިހާތަނަށް އެކަން ކުރައްވާފައި ނުވާއިރު އައްޑޫގައި ރޭ އޮތް ޖަލްސާއެއްގައި ރައީސް ވަނީ މަޖިލީސް އިންތިޚާބު އޮތީ އަންނަ މަހުގެ 17 ވަނަ ދުވަހު ކަމަށް ވިދާޅުވެފައެވެ.
ފައްޔާޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިޚާބުތައް ބާއްވަންވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ވާނޭ ގޮތް ބަލައިގެން ކަމަށެވެ.
"ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިޚާބު ރަމަޟާންމަހު ބޭއްވީމާ އެ ދަތިކުރެވެނީ ވޯޓުދިނުމުގެ އަސާސީ ޙައްޤުގެ ބޭނުންކުރުމަށް." ފައްޔާޒު ވިދާޅުވިއެވެ.
"އިންތިޚާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީޤުކުރަންޖެހޭ."
އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ތާއީދާއެކު މަޖިލީހުގެ އިންތިޚާބު ފަސްކުރަން ފާސްކުރި ނަމަވެސް ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ މެންބަރުން އެ ބިލަށް ތާއީދެއް ނުކުރެއެވެ.