19 Feb 2024, 14:52
ފަސިންޖަރުންނާ އެކު ދަތުރުކުރުމަށް ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާބޯޓުގެ ބައިނައިލްއަގުވާމީ ފުރަތަމަ ދަތުރު ސިންގަޕޫރަށް ކޮށްފިއެވެ.
އެ ބޯޓު ވަނީ އާދީއްތައް ދުވަހު ބޭއްވި ސިންގަޕޫރުގެ އެއާ ޝޯގައި ބައިވެރިވެފައެވެ.
ޗައިނާ އީސްޓަން އެއާލައިންސްގައި ބޭނުންކުރަން ނެރެފައިވާ ސީ919 މޮޑެލްގެ އެ މަތިންދާބޯޓުގެ ފަސިންޖަރުންނާ އެކު ފުރަތަމަ ދަތުރުކޮށްފައިވަނީ ޝަންހާއީން ބެއިޖިންގެ ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓަށެވެ.
ދުނިޔޭގެ ޕަސިންޖަ ޖެޓް ވިޔަފާރީގައި ރަސްކަން ކުރަމުން އަންނަ ހުޅަނގުގެ މަތިންދާ ބޯޓު އުފައްދާ ދެ ކުންފުނި ކަމަށްވާ، އެއާބަސްއާއި ބޮއެންގްއާއި ވާދަކުރުމުގެ ގޮތުން އެ ބޯޓު އުފެއްދުމަށް ޗައިނާއިން ވަނީ ބޮޑު އިންވެސްޓްމެންޓެއްކޮށްފައެވެ.
ސީ919 ގެ ދަތުރުތައް ސިންގަޕޫރަށް ފެށުމަކީ ކޮމާޝަލް އެއާކްރާފްޓް ކޯޕަރޭޝަން އޮފް ޗައިނާ (ކޯމަކް)އާއި ސީ919ގެ ކުރިއެރުވުމަށް ޗައިނާއިން މި އަހަރު ކުރިއަށްއެޅި ފިޔަވަޅެވެކެވެ. ސީ919 އުފައްދައިފައި ވަނީ ކޯމަކް އިންނެވެ.
ސީ919 އުފެއްދުމުގެ ކެޕޭސިޓީ ފުޅާކުރުމަށް ކުރިއަށް އޮތް ތިން އަހަރާއި ފަސް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ކޮމަކްއިން ދިހަ ބިލިއަން ޔުއާން އިންވެސްޓް ކުރާނެ ކަމަށް ޗައިނާގެ މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.
އޭގެ އިތުރުން، ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީ (އިއާސާ)ގެ ހުއްދަ ސީ919 އަށް ހޯދުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ޗައިނާގެ އޭވިއޭޝަން އޮތޯރީޓީން ވަނީ ބުނެފައެވެ.
ސީ919 އަކީ ގާތްގަނޑަކަށް 5،555 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ.
އެތައް އަހަރެއްގެ ދިރާސާއާއި ތަރައްގީކުރުންތަކަށް ފަހު ސީ919 ލޯންޗުކުރުން ވެގެން ގޮސްފައި ވަނީ ޗައިނާއިން ގެންގުޅޭ 'މޭޑް އިން ޗައިނާ 2025' ސިޔާސަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ. މި ސިޔާސަތުގެ މައިގަނޑު އަމާޒަކީ ގައުމުގެ އެތެރޭގެ އުފެއްދުންތެރިކަން ވަރުގަދަކުރުން ކަމަށް ވާއިރު، މީގެ ތެރޭގައި އޭވިއޭޝަންގެ ސިނާއަތުގައި ބޭރުގެ މަތިންދާބޯޓުތަކަށް ބަރޯސާވާ ވަރު މަދުކުރުން ވެސް ހިމެނެއެވެ.
ސީ919 ބޯޓުގެ މައިގަނޑު ބައިތައް ފަރުމާކޮށްފައިވަނީ ކޯމަކް އިންނެވެ. ނަމަވެސް، ބޯޓުގެ އެހެން ބައެއް ބައިތައް ހެދުމަށް ހުޅަނގުގެ ކުންފުނިތަކުގެ އެހީތެރިކަން ކޯމަކްއިން ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ލީޕް-1ސީ އިންޖީނުތައް ހިމެނޭއިރު، މި އިންޖީނުތައް އުފައްދާފައި ވަނީ އެމެރިކާގެ ޖެނެރަލް އިލެކްޓްރިކްއާއި ފްރާންސްގެ ސަފްރަންއިން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.