މަސް ބޭނުމަށްފަހު މިފްކޯއަށް ކިރި މަހުގެ ފައިސާ ނުލިބިގެން ގއ. ކޫއްޑޫގައި މަސްވެރިން ކުރާ އިހުތިޖާޖާ ގުޅިގެން މަސްވެރިންނާ ބައްދަލުކުރެއްވުމަށް ވަޑައިގެންނެވި ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައާމެދު ހިތްހަމަނުޖެހި، މިނިސްޓަރުގެ އިސްތިއުފާއަށް ގޮވަން ފަށައިފިއެވެ.

އެ އިހުތިޖާޖާ ގުޅިގެން ޝިޔާމް މިއަދު ވިދާޅުވީ، އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 280 މިލިއަން ރުފިޔާ އެކީ ދީ ނިންމޭނެ ކަމަށެވެ.

ނަމަވެސް މަސްވެރިން ބުނަނީ އެއީ ފައިސާ ދިނުމަށް މާ ލަސް ތާރީޚެއް ކަމަށާއި އެއަށް ވުރެ އަވަހަށް ފައިސާ ދޭން ޖެހޭ ކަމަށެވެ.

މަސްވެރިން ނުރުހުން ފާޅުކޮށް މިނިސްޓަރު އިސްތިއުފާ ދިނުމަށް ގޮވާލާ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ވަނީ އާންމުވެފައެވެ.

"މަސްވެރިންގެ ލާރި ދީ. ޝިޔާމް އިސްތިއުފާ. ޝިޔާމް ހައްޔަރު ކުރޭ" މަސްވެރިއަކު ބުނާ އަޑު އިވެއެވެ.

މި ކަމާ ގުޅިގެން "ސަން"އާ ވާހަކަދެއްކި ކެޔޮޅަކު ބުނީ އިހުތިޖާޖުގެ ބައިވެރިން މަސައްކަތް ކުރަނީ މަސްވެރިންގެ ހައްގުތައް ހޯދަން ކަމަށެވެ.

"އަޅުގަނޑުމެން މި ތަނަކަށް ނާންނަން މި ތަނުގެ މަސްލަހަތު ގެއްލުވާކަށް. މަސްވެރިންގެ ހައްގު ލާރި ހޯދަން، އަނބިދަރިން ނުގެންގުޅެވޭ ހިސާބަށް ކަންމަތި ކަންމައްޗަށް ދަރައި، ވިކިފައި މިތިބީ" އޭނާ ބުންޏެވެ.

"އަޅުގަނޑުވެސް 27 ފަޅުވެރިން ގެންގުޅެން. އަޅުގަނޑުމެންނަށް ދެ މަސް ވެއްޖެ މަސް ބާނަފަ ލާރި ނުލިބޭތާ. އެގޮތަށް އެބަ ހުރި 2.3 މިލިއަން ރުފިޔާ ނުލިބި."

އޭނާ ބުނީ، މަސްވެރިންނަށް ޚަރަދު ކުރެވޭނެ ލާރި ނެތި އަންނަ މަހުގެ ފަހެއްގެ ނިޔަލަށް މަޑު ކުރެވެން ނެތް ކަމަށެވެ. އެގޮތުން މި އޮތް ދުވަސްކޮޅުގެ ތެރޭ ވެސް މަސްވެރިންނަށް ނުދެވި އެތައް ފާއިސާއެއް އިތުރުވާނެ ކަމަށާއި އެ ފައިސާ ދެވޭނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

"ދޭ އިރު ވެސް މި ދެނީ 80 މިލިއަން ރުފިޔާ. ރާއްޖޭގެ ހުރިހާ ދޯންޏަށް ބަހާލާއިރު އެންމެ ދޯންޏަށް މި ޖެހެނީ އެންމެ ދުވަހެއްގައި ބާނާފައި ހުންނަ ފައިސާ،" އޭނާ ބުންޏެވެ.

އެ މައްސަލައިގައި މިނިސްޓަރާ އަދިވެސް މަޝްވަރާކުރަމުން އަންނަކަން އޭނާ ފާހަގަކުރިއެވެ.

މިނިސްޓަރު މީގެ ކުރިން ވިދާޅުވީ، މަސްވެރިންނަށް މި ސަރުކާރުން މިހާތަނަށް ޖުމުލަ 422 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުން މަހުގެ އަގު 20 ރުފިޔާއަށް ދަށްކޮށްފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވަނީ، އޭގެ ފަހުން ކިރި މަހަށްވާ 26 މިލިއަން ރުފިޔާ މި ހަފުތާގައި މިފްކޯއިން ހަމަޖައްސައިދޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.